Tuesday, April 17, 2012

ޔަހޫދިން

ތާރީޚުގެ ތެރެއިން ޔަހޫދީން 1
Category » މުޖުތަމަޢު
ތާރީޚް: 15 ޑިސެމްބަރު 2010


ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ


ޔަހޫދީންނަކީ ކޮން ބައެއް؟
ޔަހޫދީންނަކީ ﷲ ގެ ނަބިއްޔާ ޔަޢްޤޫބު عليه السلام ގެ ނަސްލުން އައިސްފައިވާ ބަޔެކެވެ. އެހެނަސް އެބައިމީހުންވަނީ، އެބައިމީހުންގެ ރަސޫލުބޭކަލުން ގެންނެވި ސަމާވީ ދީން ބަދަލުކޮށް، އެބޭކަލުންގެ ހިދާޔަތުން އެއްކިބާވެގެންފައެވެ. ފުރެދުންތެރިކަމުގައި ޙައްދުފަހަނައަޅާފައިވާ، ޔަހޫދީންނަކީ މިއަދާ ހަމަޔަށް ދުނިޔެ ދެކެފައިނުވާވަރުގެ ނޭއްގާނީ ބައެކެވެ. މަކަރާއި ޙީލަތުން ފުރިގެންވާ ބައެކެވެ. ވަޢުދާ ޚިލާފުވުމުގައި އެވަރެއް ނެތް ޣަދަރުވެރި، ނުކިޔަމަންތެރިކަމާއި ދެކޮޅުހެދުމުގައި ލާމަޘީލު ބައެއްކަމަށް ތާރީޚް ހެކިދެއެވެ. އެބައިމީހުން ސީދާ މަގަށް އެޅުއްވުމަށް ޓަކައި ގިނަގުނަ ނަބީބޭކަލުންނެއް އެމީހުންގެ ގާތަށް ﷲ ފޮނުއްވިކަންވެސް ތާރީޚުން އެނގެއެވެ. ނަމަވެސް އެބައިމީހުންވަނީ އެބޭކަލުންނަށް ގިނަގުނަ އުދަގޫތަކާއި ދުއްތުރާތައް ކޮށް، އޭގެ ތެރެއިން ބައެއްބޭކަލުން ޤަތުލުވެސް ކޮށްފައެވެ. އަދި އޭގެ ތެރެއިން ބައެއްބޭކަލުން ބަދުނާމު ކުރުމުގެ ގޮތުން ބުހުތާނު އެތައް ދޮގެއް ހަދައި، އެބޭކަލުންގެ އިސްތަށިފުޅުގައި އިލްޒާމުތަކެއް އަޅުވާފައިވެސް ވެއެވެ. އެބައިމީހުންގެ ފޮތްތަކުގައިވެސް މިވާހަކަތައް ލިޔެވިފައި އެބަހުއްޓެވެ. މީގެ ގިނަވާހަކަތަކަކީ ދުލަކުން ޤަލަމަކަން ފާޅުކުރަން ހެޔޮނުވާ ވަރުގެ ނުބައި ވާހަކަތަކެވެ.

އެހެންމީހުންނާމެދު ޔަހޫދީން ދެކޭގޮތް:
އިންސާނީ ނަސްލުން އައިސްފައިވާ ބަޔަކަށްވިއަސް، ޔަހޫދީންނަކީ އެހެން މީހުންނާ ގާތްގުޅުމެއް ބަހައްޓައިގެން އުޅޭ ބައެއް ނޫނެވެ. އެބައިމީހުން ދެކޭގޮތުގައި އެހެން ނަސްލުތަކަށްވުރެ އެބައިމީހުންނަކީ މާތްކަމަކާއި މަތިވެރިކަމެއް ލިބިގެންވާ ބައެކެވެ. ޔަހޫދީން ދެކޭގޮތުގައި، އެބައިމީހުންނަކީ މާތް ﷲ ހޮއްވަވާ މާތްކުރައްވާފައިވާ ބައެކެވެ. އެކަލާނގެ ލޯބިވޮޑިގެންވާ، އެކަލާނގެއަށް ޚާއްޞަކުރެވިގެންވާ ބަޔެކެވެ!
ޔަހޫދީންގެ މި ޢަޤީދާއަށް އިޝާރާތް ކުރައްވަމުން ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. وَقَالَتِ الْيَهُودُ وَالنَّصَارَى نَحْنُ أَبْنَاءُ اللَّهِ وَأَحِبَّاؤُهُ قُلْ فَلِمَ يُعَذِّبُكُمْ بِذُنُوبِكُمْ بَلْ أَنْتُمْ بَشَرٌ مِمَّنْ خَلَقَ [المائدة 18] މާނައީ: "ޔަހޫދީންނާއި ނަޞާރާއިން ބުންޏެވެ. އަހަރުމެންނީ ﷲ ލޯބިވެވޮޑިގެންވާ އެކަލާނގެ ދަރީންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންކަމުގައިވަނީނަމަ ތިޔަބައިމީހުންގެ ފާފަތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އެކަލާނގެ ޢާޛާބު ދެއްވަނީ ކީއްވެގެން ހެއްޔެވެ؟!!! އަދި ކިއެއްތަ! ތިޔަބައިމީހުންނީވެސް އެކަލާނގެ ހެއްދެވި އިންސާނުންގެ ތެރެއިންވާ ބަޔަކީމުއެވެ."
ޔަހޫދީންގެ ދެކޭގޮތުގައި، އެހެން ނަސްލުތަކުން އައިސްފައިވާ މީހުންނަކީ، އެބައިމީހުންނަށް ޚިދުމަތް ކުރަން އުފައްދަވާފައިވާ ޙައިވާނުންތަކެކެވެ. ނަމަވެސް އެބައިމީހުންނާ މުޢާމަލާތު ކުރަން ފަސޭހައަކަށް އިންސާނުންގެ ސޫރައިގާ އެބައިމީހުން ހައްދަވާފައިވަނީއެވެ. އެހެންކަމުން، އެބައިމީހުން ޤަތުލުކޮށް، އެބައިމީހުންގެ މުދާފޭރި، ކޮންމެ ފަދަ އަނިޔާއެއް އެބައިމީހުންނަށް ކުޅަޔަސް އެއީ އެއްވެސް މައްސަލައެއް އޮތްކަމެއް ކަމުގައި ޔަހޫދީންނެއް ނުދެކެއެވެ.!!! ހަމަ އެފަދައިން އެހެނިހެން މުޖްތަމަޢުތަކުގެ އަޚްލާޤު ފާސިދުކޮށް ސުންނާފަތިކޮށް އުޅުމީވެސް ހަމަ ކުރުން އެންމެރަގަޅު ކަމެއް ކަމަކެވެ!!! މިއީ ޔަހޫދީންގެ ކިބައިގާވާ ނަފްސާނީ ވަރަށްބޮޑު ބައްޔެކެވެ. މިކަމަށް އިޝާރާތް ކުރައްވަމުން ކީރިތި ޤުރުއާނުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. وَمِنْ أَهْلِ الْكِتَابِ مَنْ إِنْ تَأْمَنْهُ بِقِنْطَارٍ يُؤَدِّهِ إِلَيْكَ وَمِنْهُمْ مَنْ إِنْ تَأْمَنْهُ بِدِينَارٍ لا يُؤَدِّهِ إِلَيْكَ إِلا مَا دُمْتَ عَلَيْهِ قَائِمًا ذَلِكَ بِأَنَّهُمْ قَالُوا لَيْسَ عَلَيْنَا فِي الأمِّيِّينَ سَبِيلٌ وَيَقُولُونَ عَلَى اللَّهِ الْكَذِبَ وَهُمْ يَعْلَمُونَ [آل عمران 75] މާނައީ "އަމާނާތެއްގެ ގޮތުގައި ކިތަންމެ ގިނަމުދަލެއް އެއިން މީހަކާ ތިބާ ޙަވާލު ކުރިކަމުގައިވިއަސް، އެއެއްޗެއް އަނބުރައި ދޭމީހުން އަހްލުކިތާބީންގެތެރެއިން ވެއެވެ. އަދި ކިތަންމެ މަދު މިންވަރެއްގެ އަމާނާތެއް އެއިންމީހަކާ ތިބާ ޙަވާލުކުރިއަސް، އެއެއްޗެއް ހޯދަން ތިބާ އެތައްވަރަކަށް މަސައްކަތް ކޮށްގެން މެނުވީ އަނބުރައި ނުދޭ މީހުންވެސް އެމީހުންގެ ތެރެއިން ވެއެވެ. އޭއީ، އެމީހުންބުނެއުޅޭ ގޮތުގައި އުއްމީންގެ މުދާ ކެއުމަކުން އަހަރަމެންގެ މައްޗަށް އެއްވެސް ފާފައެއް ނުވެއެވެ. މިހެންބުނާ އިރު ﷲ އާމެދު އެހަދަނީ ދޮގުކަން އަމީހުން ދަނެއެވެ." އުއްމީންނަކީ އެހެން ނަސްލުތަކުގެ މީހުންނަށް ޔަހޫދީން ކިޔާ ނަމެކެވެ.
އަހްލު ކިތާބީންގެ ތެރެއިން މިފަދަބަސް ބުނާ ބަޔަކީ ޔަހޫދީންނެވެ. އެމީހުން ބުނަނީ އުއްމީން (ޔަހޫދީންނޫން އެހެން މީހުން) ގެ މުދާ ފޭރިހެދުމަކީ ކުށެއް ނޫނެވެ. އަދި ޔަހޫދީންގެ "ޙަބުރުން" ނުވަތަ ފާދިރީން ވެސް މިކަން ދިފާޢުކޮށް އެބައިމީހުންގެ ޢާއްމުންނަށް މިކަމުގެ ޙުއްޖަތާއި ދަލީލުވެސް ދައްކައެވެ. އެއީ އެބައިމީހުންގެ ޢިލްމުވެރިންނާއި ނަބީބޭކަލުން ކުރައްވާފައިވާކަމަށް، އެބައިމީހުންގެ ފޮތްތަކުގައި ދޮގުހަދައި އޮޅުވާލައިގެން، އެބޭކަލުންނަށް ނިސްބަތްކޮށްފައިވާ ބޮޑެތި ކުއްތަކުގެ ވާހަކައިންނެވެ. އޭގެތެރެއިން އެއްކަމެއްކަމުގައި އެމީހުން ދައްކަނީ، މޫސާ عليه السلام ފިރުޢައުނުގެ ގަނޑުވަރުގައި އުޅުއްވި ދުވަސްވަރު ރަށުތެރެއަށް ނިކުމެވަޑައިގެން އުޅުއްވުމުގެ ތެރޭގައި، އިސްރާއީލީންގެ މީހަކާއި މިޞްރުގެ އަޞްލު އަހުލުވެރިންކަމުގައިވާ ޤިބްޠީންގެ މީހަކާ މާރާމާރީ ހިންގަނިކޮށް ފެނިވަޑައިގަތް ހިނދު، އިސްރާއީލް މީހާ މޫސާގެފާނު އަރިހުން އެހީއަކަށް އެދި ގޮވުމުން، އެކަލޭގެފާނު އެމީހާގެ ގައިގާ ޖެއްސެވިއެވެ. މިޖެއްސެވުމުން ޤިބްޠީ މީހާމަރުވިއެވެ. މޫސާގެފާނު އޭނާގެ ގައިގާ ޖެއްސެވީ އޭނާގެ ޤަތުލުކުރެއްވުމުގެ ގަސްތުގައެއް ނޫނެވެ. އެކަން މިޙާދިޘާއާ ގުޅިގެން މޫސާގެފާނު ވިދާޅުވި ބަސްފުޅުންވެސް ދޭހަވެއެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. މިއީ ޝައިޠާނާގެ ނުބައި ޢަމަލެކެވެ. ހަމަކަށަވަރުން ޝައިޠާނާއަކީ މީހުން މަގުފުރައްދާ ފާޅުވެގެންވާ ޢަދާވާތްތެރިއެކެވެ. ތިމަންކަލޭގެފާނަށް މިކުރެއްވުނީ ޝައިޠާނީ ޢަމަލެއްކަމުގައި ވިދާޅުވެ، ކުށަށް އިޢްތިރާފުވެ ވަޑައިގެން ﷲ ގެ ޙަޟްތަތުން ފާފަފުއްސެވުން އެދިވަޑައިގެން އިސްތިޣްފާރުދަންނަވައި ދުޢާ ދެންނެވިއެވެ. وَدَخَلَ الْمَدِينَةَ عَلَى حِينِ غَفْلَةٍ مِنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلانِ هَذَا مِنْ شِيعَتِهِ وَهَذَا مِنْ عَدُوِّهِ فَاسْتَغَاثَهُ الَّذِي مِنْ شِيعَتِهِ عَلَى الَّذِي مِنْ عَدُوِّهِ فَوَكَزَهُ مُوسَى فَقَضَى عَلَيْهِ قَالَ هَذَا مِنْ عَمَلِ الشَّيْطَانِ إِنَّهُ عَدُوٌّ مُضِلٌّ مُبِينٌ (١٥)قَالَ رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي فَغَفَرَ لَهُ إِنَّهُ هُوَ الْغَفُورُ الرَّحِيمُ (١٦) [القصص 15-16]
މާނައީ"އަދި އެރަށުގެ އަހްލުވެރިން، ޣާފިފުކަމުގައިތިބި ތަންވަޅެއްގައި އެކަލޭގެފާނު ރަށުތެރެއަށް ވެދެވަޑައިގަތެވެ. ދެން އެކަލޭގެފާނަށް ފެނިވަޑައިގަތީ، ތަޅާފޮޅާ ދެމީހެކެވެ. އެތަނުން އެކަކީ، އެކަލޭގެފާނުގެ ބައިގެ (ބަނޫ އިސްރާއީލުންގެ) މީހެކެވެ. އަނެކަކީ އެކަލޭގެފާނުގެ ޢަދުއްވުންގެ (ޤިބްޠީންގެ) ތެރެއިންވާ މީހެކެވެ. ފަހެ، އެކަލޭގެފާނުގެ ޢަދުއްވުންގެ ތެރެއިންވާ މީހާއާ ދެކޮޅަށް އެކަލޭގެފާނުގެ ބައިގެ މީހާއަށް ވާގިދެއްވުންއެދި އެކަލޭގެފާނަށް އޭނާ ގޮވައިލިއެވެ. އެހިނދު މޫސާގެފާނު އޭނާގެ ގައިގައި މުށްކަވާފައި ޖެއްސެވިއެވެ. ފަހެ މިޖެއްސެވި ޖެއްސެވުމުން އޭނާ މަރުވެގެން ބިންމައްޗަށް ވެއްޓުނެވެ. ފަހެ، އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންތައް މިވީ ޝައިޠާނާގެ ޢަމަލުގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެ ޝައިޠާނާއީ، ބަޔާންވެގެންހުރި މަގުފުރައްދާ ޢަދާވާތްތެރިޔެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރި އިލާހު! ހަމަކަށަވަރުން، އަޅުގެ ނަފްސަށް އަޅު އަނިޔާކޮށްފީމެވެ. ފަހެ، މިއަޅާޔަށް އިބައިލާހު ފާފަފުއްސަވާނދޭވެ! ދެން އެކަލާނގެ، އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، އޯގާވަންތަ އިލާހެވެ."

ﷲ ބާވާލެއްވި ޝަރީޢަތުގައި ކަނޑައަޅުއްވާފައިވަނީ އެންމެހައި އިންސާނުންނަކީ އާދަމު عليه السلام ގެ ދަރިކޮޅުން އައިސްފައިވާ، މަށިން އުފައްދަވާފައިވާ، ހަމަހަމަވެގެންވާ ބަޔެއްކަމެވެ. އެބައިމީހުންގެ މެދުގައި ދަރަޖަ ތަފާތުވާ މިންގަޑަކީ އިލާހީ އަމުރަށް ކިޔަމަންވެރިވުމެވެ. ﷲ އަށް ތަޤްވާވެރިވުމެވެ. މި ޙަޤީޤަތް ބަޔާން ކުރައްވަމުން އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنْثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ (الحجرات 13) މާނައީ: "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން އަހުރެން ތިޔަބައިމީހުން ހެއްދެވީ ފިރިހެނަކާއި އެންހެނެއްގެ ކިބައިންނެވެ. އެއީ، އާދަމުގެ ފާނާއި ޙައްވާގެފާނުގެ ފާނެވެ. އަދި ތަފާތު ޤައުމުތަކަށާއި ޤަބީލާތަކަށް ތިޔަބައިމީހުން ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފް ވުމަށްޓަކައެވެ. ހަމަކަށަވަރުން ތިޔަބައިމީހުންކުރެ ﷲ ގެ ޙަޟްރަތުގައި އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ އިލާހެވެ."

ނަމަވެސް ދޮގުހެދުމާއި އޮޅުވާލުމުކީ ޔަހޫދީންގެ ކިބައިގާ ހަރުލާފައިވާ ސިފައެއްކަމުން، ހުރިހާ ޒަމާނެއްގައިވެސް އެބައިމީހުންގެ ޢަމަލުތައް ހުންނަނީ މިފަދަ ގޮތަކަށެވެ. މިކަމަކީ ޒަމާނުއްސުރެފެށިގެން މިއަދާ ހަމަޔަށްވެސް ޔަހޫދީންގެ ކަށީގައި ހަރުލާފައިވާ ކަމެކެވެ. މިއަދު ފަލަސްޠީނުގެ ބިމަށް ވެރިވެގެންއުޅޭ ޔަހޫދީން އެތާގެ ރައްޔިތުންގެ ގޯތިގެދޮރު ސުއްނާފަތިކޮށް، އެމީހުންގެ މުދާތައް ފޭރި، ކޮންމެ ދުވަހަކު އޭގެތެރެއިން އެތައްބަޔަކު ޤަތުލު ކުރަމުންދާއިރު، ޔަހޫދީން ބުނަމުން ގެންދަނީ، "އުއްމީންނަށް" ކޮންމެފަދަ އަނިޔާއެއް ކުރިކަމުގައިވިއަސް އެއަކީ އެއްވެސް މައްސަލައެއްއޮތް ކަމެއް ނޫންކަމަށެވެ.

No comments:

Post a Comment