Tuesday, April 17, 2012

ޔަހޫދީން 2

ތާރީޚްގެ ތެރެއިން ޔަހޫދީން 2
Category » މުޖުތަމަޢު
ތާރީޚް: 18 ޑިސެމްބަރު 2010


ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ


ފަލަސްޠީނުގެ ބިމުގައި ޤާއިމު ކުރެވިފައިވާ ޔަހޫދީ ދައުލަތަކަކީ ހުޅަނގުގެ އިސްތިޢުމާރުން ޤާއިމުކޮށްދީފައިވާ ޣައިރު ޤާނޫނީ ދައުލަތެކެވެ. ފަލަސްޠީނުގެ ބިމަކީ ކޮން ބައެއްގެ ޙައްޤެއްކަން ދެނެގަތުމަށްޓަކައި ތާރީޚައް ނަޒަރު ހިންގާލަމާތޯއެވެ.
މުސްލިމުންގެ ގާތުގައި المسجد الأقصى ނުވަތަ އަލްޤުދްސްގެ އަހައްމިއްޔަތު ފާޅުވެގެން ގޮސްފައިވަނީ ރަސޫލާ صلى الله عليه وسلم މިޢްރާޖު އަރާވަޑައިގަތްރޭ المسجد الحرام ން المسجد الأقصى އަށް އެކަލޭގެފާނު ވަޑައިގަތް ދުވަހުން ފެށިގެންނެވެ. އާދެ! އެރޭ އެކަލޭގެފާނު ވަނީ ޖިބްރީލުގެފާނުގެ އަރިހުގައި މައްކާގެ ބިމުން ފަލަޞްޠީނުގެ ބިމަށް ދަތުރު ކުރައްވައި، އެއަށްފަހު މަލަކޫތީ ޢާލަމަށް ދަތުރު ކުރައްވާފައެވެ. އެއީ ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް އެކަލޭގެފާނަށް ދެއްކެވުމަށްޓަކައި ގެންދެވުނު ގެންދެވުމެކެވެ. މިދަތުރުފުޅަށް އިޝާރާތްކުރައްވައި، ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلا مِنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّه هُوَ السَّمِيعُ الْبَصِيرُ [الإسراء 1]މާނައީ" المسجد الحرام ން، المسجد الأقصى އަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންއިލާހު ބަރަކާތް ލައްވާފައިވާ ތަނެވެ. އެއީ، ތިމަންއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ."
މިތާރީޚީ ޙާދިސާ ހިނގި ދުވަހުން ފެށިގެން المسجد الأقصى ވަނީ كبعة الله ގެފުޅާއި المسجد النبوي އާއި ގުޅިލާމެހިފައެވެ. އިސްލާމްދީނަކީ ހުރިހާ ސަމާވީ ދީންތައް ޚަތިމްކުރެއްވި ދީންކަމުން، އެންމެހައި ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންނެއް ދިރިއުޅުއްވި ބިމުގެ ޙައްޤުވެރި ބަޔަކީ މުސްލިމުންނެވެ. މާތް ﷲވަޙީކުރެއްވިއެވެ. وَلَقَدْ كَتَبْنَا فِي الزَّبُورِ مِنْ بَعْدِ الذِّكْرِ أَنَّ الأرْضَ يَرِثُهَا عِبَادِيَ الصَّالِحُونَ [الأنبياء 105] މާނައީ"ހަމަކަށަވަރުން، توراة ގެ ފަހުން زبور ގައި ތިމަންއިލާހު ލިޔުއްވީމެވެ. ހަމަކަށަވަރުން، ބިން ވާރުތަވެ މިލްކުވާހުށީ، ތިމަންއިލާހުގެ ޞާލިޙު އަޅުންނަށެވެ." ބަނޫއިސްރާއީލުގެ ނަބީބޭކަލުންނަށް ބާވާލެއްވި ފޮތްތަކުގައިވެސް، ﷲއަންގަވާފައިވަނީ، ބިމުގެ ޙައްޤުވެރި ފަރާތްތަކަކީ، ﷲ ގެ އެންގެވުންތަކަށް ތަބާވާ ޞާލިޙު އަޅުންކަމެވެ. މީގެ އުތުރުންވެސް، ހިޖުރައިން ދެވަނަ އަހަރު، كبعة الله ގެފުޅަށް މުސްލިމުންގެ ޤިބްލަ ބަދަލު ކުރެއްވުމާ ހަމަޔަށް، އެބައިމީހުންގެ ޤިބްލަކަމުގައި ކީރިތިވަންތަ ﷲ ކަނޑައަޅުއްވާފައިވަނީވެސް المسجد الأقصى އެވެ. މުސްލިމުން މަދީނާއަށް ހިޖުރަކުރުމަށްފަހު ރަސޫލުﷲ صلى الله عليه وسلم މުސްލިމުންގެ ޤިބުލަ ކަޢުބާއަށް ބަދަލުވުމަށް ޝައުޤުވެރި ވަޑައިގަތްނަވާވަރުން، މާތްﷲ އެގޮތަށް އެކަން ބަދަލުކުރެއްވީކަން ކީރިތި ޤުރްއާނުން އެނގެއެވެ. ވަކި މިސްކިތަކަށް ދިއުމަށް ދަތުރު ހަދައިގެން ތިމާ ހުރި ރަށުން ފުރައިގެން ދިޔުން ހުއްދަވެގެންވަނީ ހަމައެކަނި ތިން މިސްކިތަކަށެވެ. އަލްމަސްޖިދުލް އަޤްޞާއަކީ، މިތިން މިސްކިތުން އެއް މިސްކިތެވެ. އަނެއް ދެމިސްކިތަކީ އަލްމަސްޖިދުލް ޙަރާމާއި އަލްމަސްޖިދުއް ނަބަވީއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘު ކުރެއްވިއެވެ. "لاَ تُشَدُّ الرِّحَالُ إِلاَّ إِلَى ثَلاَثَةِ مَسَاجِدَ ، اَلْمَسْجِدُ الْحَرَامُ وَمَسْجِدِيْ هَذَا ، وَالْمَسْجِدُ اْلأَقْصَى" [رواه البخاري ومسلم] މާނައީ: ތިންމިސްކިތަކަށް މެނުވީ، ދަތުރު ހަދައިގެން ހުރިތަނުން ފުރައިގެން ދިއުމެއް ނުވެއެވެ. އެއީ އަލްމަސްޖިދުލް ޙަރާމާއި ތިމަންކަލޭގެފާނުގެ މި މިސްކިތާއި، އަލްމަސްޖިދުލް އަޤްޞާއެވެ".
**************************
ހިޖްރައިން ހަތްވަނަ އަހަރު، ދުނިޔޭގެ ރަސްރަސްކަލުންނަށް އިސްލާމް ދީނަށް ގޮވާލައްވައި، ރަސޫލު ﷲ صلى الله عليه وسلم ސިޓީފުޅުތަކެއް ފޮނުއްވިއެވެ. އޭގެތެރޭގައި ރޯމަން ރަސްގެފާނުފާނު ހިރަޤުލިސް "ހިރަޤުލް" ވެސް ހިމެނިވަޑައިގަތެވެ. ނަމަވެސް އެކަލޭގެފާނުގެ މި ދަޢުވަތު ޤަބޫލުނުކޮށް މުސްލިމުންނާ ހަނގުރާމައަށް ރޯމަނުން ތައްޔާރުވަމުންދާ ކަމުގެ ޚަބަރު ލިބިވަޑައިގަތުމުން، އެކަލޭގެފާނު އެމީހުންނާ ދިމާލަށް ލަޝްކަރުތަކެއް ފޮނުއްވިއެވެ. އޭގެ ފަހުން އަބޫބަކުރުގެފާނުގެ ޚިލާފަތުގައި، ޢަމުރުބުނުލް ޢާޞްގެ ޤިޔާދަތުގައި އަނެއްކާވެސް ޝާމްކަރައަށް ލަޝްކަރެއް ފޮނުއްވިއެވެ. އަދި އެތާނގައި ބޮޑެތި ހަނގުރާމަތަކެއް ވެސް ހިނގާފައިވެއެވެ. މީގެ ތެރެއިން މަޝްހޫރު އަޖްނާދީން ހަނގުރާމައާއި ފަޙްލު ހަނގުރާމައާއި ޔަރުމޫކް ހަނގުރާމަ ހިމެނެއެވެ. އޭގެ ފަހުގައި ޢުމަރުގެފާނުގެ ޚިލާފަތުގައި ހިޖްރައިން 16 ވަނަ އަހަރު، މުސްލިމުން ވަނީ أبو عبيدة عامر بن الجراح ގެ ޤިޔާދަތުގައި ބައިތުލް މަޤްދިސް ފަތަޙަ ކޮށްފައެވެ. އަދި އެތަނާ ޙަވާލުވެ ވަޑައިގަތީ ޚުދް މުސްލިމުންގެ ޚަލީފާ ޢުމަރުގެފާނު ވަޑައިގެން އެކަލޭގެފާނު އަމިއްލަފުޅަށެވެ. އެދުވަހު ޢުމަރުގެފާނު ނެރުއްވި ޤަރާރުގައި "އީލިޔާ"ގައި ޔަހޫދީން ދިރިއުޅެގެންނުވާނޭ ކަމުގައި ކަނޑައަޅުއްވާފައިވެއެވެ. އެދުވަހުގެފަހުން މުޅިޝާމްކަރަ އިސްލާމީ ކަރައަކަށް ބަދަލުވެގެން ދިޔައެވެ.
އޭގެފަހުން ހިޖްރައިން ހަވަނަ ޤަރުނުގެ ތެރޭގައި، މުސްލިމުން ބައިތުލް މަޤްދިސް ފަތަޙަކުރިތާ ފައްސަތޭކަ އަހަރު ފަހުން، އިސްލާމީ ދައުލަތުގައި ވެރިކަމާހެދި އުފެދުނު ދާޚިލީ ހަމަނުޖެހުމެއްގެ ތެރޭގައި، ޞަލީބީ ހަނގުރާމަވެރިން ބައިތުލް މަޤްދިސްއަށް އަރައި، އެތަނުގެ މުސްލިމުންގެ ހަތްދިހަ ހާސް މީހުން ޤަތުލު ކުޅައުމަށްފަހު، އެބައިމީހުންގެ ވެރިކަމެއް އެތާނގައި ޤާއިމު ކުޅައެވެ. ނަމަވެސް އޭގެ ގާތްގަޑަކަށް 88 އަހަރު ފަހުން މަޝްހޫރު މުޖާހިދު صلاح الدين الأيوبي ވަނީ ޞަލީބީން ބަލިކޮށް އެމީހުން އެތަނުން ބޭރުކޮށްލައްވާފައެވެ. އެއީ ހިޖްރައިން 583 ވަނަ އަހަރު ރަޖަބް މަހު 27 ވީ ދުވަހު، ހިނގި މަޝަހޫރު ޙިއްޠީނު ހަނގުރާމައިގައެވެ.
އެދުވަހުން ފެށިގެން ޞަލީބީންގެ ދައުރުވެސް ވަނީ ފަލަސްތީނުގެ ބިމުން ފިލައި ގޮސްފައެވެ. އެހެންކަމުން، ފަސަލްޠީނުގެ ބިމުގައި ޞަލީބީން ޤާއިމު ކުޅަ ދައުލަތަކީ،(ޤަރުނަކަށްވުރެވެސް ކުރު މުއްދަތަކަށް) ތާރީޚުގައި އަރައި ފައިބައިގެންދިޔަ ވަޤުތީ ދައުލަތެއްކަމުގައި މެނުވީ ނުބެލެވޭނެއެވެ.
ތާރީޚަކީ ތަކުރާރުވާ އެއްޗެކޭ ބުނެވޭ ފަދައިން، ހުޅަނގުގެ އެހީއާއި އެއްބާރުލުން ލިބިގެން މިއަދު ފަލަސްޠީނުގައި ޤާއިމުކޮށްގެން އެޅޭ ޒައަނިސްޓު ދައުލަތަކީވެސް، ޞަލީބީން ފަލަސްޠީނުގެ ބިމުގައި ޤާއިމުކުޅަ ދައުލަތްފަދަ ވަގުތީ ދައުލަތެއް ކަމުގައި މެނުވީ، ﷲ ގެ ވާގިފުޅާލައިގެން ނުވެނުދާނެއެވެ.

No comments:

Post a Comment