Thursday, February 10, 2011

މަދީނާގައި އިސްލާމީ ދައުލަތެއް ބިނާކުރުން

މަދީނާގައި އިސްލާމީ ދައުލަތެއް ބިނާކުރުން
ފެށުން
އިސްލާމްދީނަކީ "ދުނިޔޭގެ ކަންތައް އިޞްލާޙުކުރުމަށާއި އާޚިރަތުގެ ޙަޔާތުގެ ކަންތައްތައް ބާއްޖަވެރި ކުރުމަށްޓަކައި މާތްﷲ އެކަށައަޅުއްވާފައިވާ ދިރިއުޅުމުގެ ނިޒާމެވެ."[1] އަދި އެއީ"ދުނިޔެ އާއި އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައި ﷲ ޝަރުޢު ކުރައްވައި ކަނޑައަޅުއްވާފައިވާ އެންމެހައި ކަންތައްތަކެވެ." މިހެންކަމުން އިސްލާމްދީނުގައި ވެރިން ޢައްޔަނުުރުމުގެ ހަމަތަކާއި، ދައުލަތް ހިންގުމުގެ ޤަވާޢިދުތައް ބަޔާންކޮށްދެއްވިއެވެ. ރައްޔިތުމީހާގެ ޛިންމާއާއި، ސަރުކާރުގެ ވާޖިބުތައް ކަނޑައެޅުއްވިއެވެ. ޢުމަރުން ދުވަސްވާމީހުންނަށް ދައުލަތުގެ ފަރާތުން އިނާޔަތްދިނުމަކީ މިއަދު އީޖާދުކުރި އާކަމެއްނޫނެވެ. ޢުމަރުގެފާނުގެ ސަރުކާރުން ކަނޑައެޅުއްވި ހަރުދަނާ އިޖްތިމާޢީ ސިޔާސީނިޒާމެކެވެ.
އިސްލާމްދީނާއި ސިޔާސަތަކީ ވަކިކުރެވޭނެ އެއްޗެއްނޫނެވެ. ދީނާއި، އިޖްތިމާޢީ ދިރިއުޅުމުގެ އެންމެހައިކަންކަން ވަކިކުރާނަމަ އެއީ ޢުލްމާނީ މުޖްތަމަޢެކެވެ. ސެކިއުލަރ ސޮސައިޓީއެކެވެ. ފުރިހަމަ އިސްލާމީ މުޖްތަމަޢެއްނޫނެވެ. އިސްލާމް އިސްލާމް ނޭވާގެކޮޅަށް ގޮވިކަމުގައިވިޔަސް ޙަޤީޤަތަކީ މިއެވެ.
ދައުލަތެއްނެތި ދީންފުރިހަމައަށް ޤާއިމުނުކުރެވުން
އިސްލާމްދީނުގެ ޝަރުޢީ ޙުކުމްތައް އަދުލުވެރިގޮތުގައި ހިންގުމަށާއި، ޒަކާތްނެގުމަށާއި އެނޫންވެސް އިޖްތިމާޢިގޮތުން ޤާއިމުކުރަންޖެހޭ ޙުކުމްތައް ހިންގުމަށްޓަކައި ދައުލަތެއްގެ ބޭނުން ޖެހެއެވެ. މިފަދަ ދައުލަތެއްގެ ސިޔާސަތަކީ އިސްލާމްދީނާއި ވަކިކުރެވޭނެ އެއްޗެއް ނޫނެވެ. އެހެނީ، ޙަޤީޤީ މުސްލިމަކީ އޭނާގެ ދިރުމާއި ވަރުވުމާއި އަޅުކަމާއި ހުރިހާ ނުސުކާއި ޢާލަމްތަކުގެ ވެރިއިލާހަށް މިލްކުވެގެންވާކަން ދަނެ، ތިމާގެ ހުރިހާ ހަރަކާތެއްގައި އެކަލާނގެއަށް ކިޔަމަންތެރިވެގެންވާ މީހާއެވެ.
ދައުލަތުގެ މަޤުޞަދު
އިސްލާމީދައުލަތުގެ ހަމައެކަނި މަޤުޞަދަކީ ހަމައެކަނި ސިޔާސީ ސަރަޙައްދު ބެލެހެއްޓުމެއްނޫނެވެ. މިހެންކަމުން ދައުލަތުގެ މަޤުޞަދުގެ މައިގަނޑު ދެކަންތައް މިތާނގައި ހިމަނާލަމެވެ.
(ހ) އިސްލާމްދީން ޙިމާޔަތް ކުރުން
އިސްލާމްދީން ޙިމާޔަތްކުރުމަކީ އިސްލާމްދީނަށް އެދީނުގެ ދުޝްމަނުންގެ ފަރާތުން އަންނަ ގޮންޖެހުންތަކާއި ކުރިމަތިލައި އިސްލާމްދީން ރައްކާތެރިކުރުމެވެ. އެބައިމީހުންގެ އޮޅުވާލުންތަކާއި ޝައްކު އުފެއްދުންތައް ޢިލްމީ ޙުއްޖަތާއި ބުއްދީގެ ހަމަތަކުން ސާފުކޮށްދީ އިސްލާމްދީން އެހެން ދިރިއުޅުމުގެ ފަލްސަފާތަކުގެ މައްޗަށް ގަދަވެ މަތިވެރިވެގެންވާކަން ކަށަވަރުކޮށްދިނުމެވެ. ހަމައެހެންމެ އިސްލާމްދީނުގެ ޝަރުޢީނިޒާމުތައް މުޖްތަމައުގެ ހުރިހާފަންތިއެއްގައި އަދުލުވެރިކަމާއެކު ހިންގައި އެދީން ޙަޤީޤީ ޞިފައިގައި މީސްތަކުންގެ ދިރިއުޅުމުގައި ފެނިގެން ދާގޮތް ހެދުމަށްޓަކައި މަގުފަހިކޮށްދިނުމެވެ.
(ށ) އިސްލާމްދީނުގެ ޙުކުމްތަކާއި އުޞޫލުތަކާއި އެއްގޮތަށް ދުންޔަވީ ސިޔާސަތު ހިންގުމެވެ. ދުނިޔަވީ ކަންކަމަކީ އިސްލާމްދީނުގެ ތެރޭގައި ހިމެނޭކަންކަމެވެ. [2]
އިސްލާމްދީނަކީ ޢަޤީދާއަކާއި ޝަރީޢަތެއްގެ މައްޗަށް އެކުލެވިފައިވަ ދިރިއުޅުމުގެ ނިޒާމެކެވެ.[3] އެބަހީ، އެދީނުގައި ހިމެނިގެންވާ ކަންތައްތަކުގެ ތެރޭގައި ހިތުންދެތުކޮށް ޤަބޫލުކުރަންޖެހޭ ޢަޤީދާގެ ބައިތަކަކާއި ކުރަންކަޑައެޅިފައިވާ ޢަމަލުތަކަކާއި، މުޢާމަލާތްތަކެއްވެއެވެ.
އިސްލާމީ ދައުލަތަކީ އެތަނެއްގައި އިސްލާމީ ޝަރީޢަތް ޤާއިމުކުރެވި މުސްލިމުން ވެރިކަން ކުރާ ކޮންމެ ވަޠަނެކެވެ. އިސްލާމަކީ ދީނެކެވެ. ދައުލަތެކެވެ. އަދި އެއީ ޚުލްޤެކެވެ. ދައުލަތެކެވެ. އެއީ، ދިރިއުޅުމުގެ ނިޒާމެކެވެ. ކަންމިހެން ހުރުމާއެކު އެދީނުގެ ޙުކުމްތަކަށް ފުރިހަމަ ޢަމަލީ ސިފަގެނައުމަށްޓަކައި ހަރުދަނާ މުޖްތަމަޢެއް ބޭނުންވެއެވެ. ޖަމާޢަތް ހަރުދަނާގޮތުގައި ދިރިއުޅުމުގެ ކަންތައްތައް އިންތިޒާމުކޮށްރާވައި ހިންގުމަށްޓަކައި ދައުލަތަކަސް އަދި ވެރިންނަށް ބޭނުންޖެހެއެވެ.ދައުލަތެއްނެތި އިސްލާމްދީން ތަންފީޛު ނުކުރެވޭނެތީވެ، ކީރިތި ރަސޫލާ (ޞ) މަދީނާއަށް ހިޖްރަކުރައްވައި މަދީނާގައި އިސްލާމީ ސްޓޭޓެއް ބިނާކުރެއްވިއެވެ.
ހިޖްރަކުރެއްވިއިރު، ޔަޘްރިބް ގެ މުޖްތަމަޢު
ހިޖްރައިގެ މާނައަކީ، ދީނުގައި ފިތުނަވެރިވުމާއި، ދީނަށް ޢަޤީދާއަށް ފުރައްސާރަކުރުމުން ރައްކާތެރިވެ ސަލާމަތްވުން އެކަންޏެއްނޫނެވެ. އޭގެ އިތުރުން އެއީ އިސްލާމީ އައު މުޖްތަމަޢެއް އަމާންތަނެއްގައި ބިނާކުރުމަށާއި އެމުޖްތަމަޢުގެ ކަންކަން ހެޔޮގޮތުގައި ހިންގާނެ ސިޔާސީ ބާރެއް އިސްލާމީ ދަވްލަތެއް ބިނާކުރުމުގައި އެއްބާރުލުމުގެ މަޤުޞަދު އެކުލެވިފައިވާ ކަމެއެްމެވެ. ކަންމިހެން ހުރުމާއެކު އެ އިސްލާމީ އައުމުޖްތަމަޢު ބިނާކުރުމުގައި ޙިއްސާވުމީ ކޮންމެ މުސްލިމެއްގެ މައްޗަށްއޮތް ފަރުޟެކެވެ. އަދި އޭގެ ޙާލަތު ވަރުގަދަކޮށް، މުޖްތަމަޢު ބަދަހިކޮށް ރައްކާތެރިކުރުމުގައި ހޭދަކުރުމީވެސް ހަމަމިފަދަ ކަމެއްކަން ކަށަވަރެވެ.
އެ އިސްލާމީ އައުމުޖްތަމަޢު ބިނާކުރުމުގައި، އިމާމަކީ، ޒަޢީމަކީ، މުރުޝިދަކީވެސް ކީރިތި ރަސޫލާ (ޞ)އެވެ. މި މުޖްތަމަޢުގެ އަޒުމާތަކާއި މައްސަލަތައް ޙައްލުކުރުމަށް ހުށައެޅޭނެ ފަރާތަކީ ޝައްކެއްްނެތްގޮތުގައި އިތުރު އެކަލޭގެފާނެވެ. މަދީނާގެ މުޖްތަމަޢުގައި އެކަލޭގެފާނު ކުރިމަތިލައްވަން ޖެހިވަޑައި ގަންނަވައި ތިން ޤައުމެއް ނުވަތަ ޖަމާޢަތެއްގެ މީހުންވެއެވެ. އޭގެ ތެރޭގައި؛
1-      ކީރިތި ރަސޫލާ (ޞ) ގެ ޞަޙާބީން (އަންޞާރިއްޔަ ބޭކަލުންނާއި މުހާޖިރިއްޔަ ބޭކަލުން)
2-      މަދީނާގެ ޤަބީލަތަކުގެ މީސްތަކުންގެ ތެރެއިން އިސްލާމްދީން ޤަބޫލުނުކޮށް ތިބި މުޝްރިކުން
3-      މަދީނާގައި ދިރިއުޅެމުންގެންދާ ޔަހޫދީން
މީގެ ތެރެއިން ކޮންމެ ބަޔެއްގެ ޙާލަތު އަނެއްބަޔަކާ އަޅާކިޔާއިރު ތަފާތުވެގެންވެއެވެ. ކޮންމެ ބައެއްގެ މަޞާލިޙުތަކާއި، މައްސަލަތަކަކީ އެހެން ބައިތަކާ އަޅާބަލާއިރު ތަފާތު މައްސަލަތަކެެކެވެ.
ޞަޙާބާއިން
މައްކާގެ މުޖްތަމަޢުގައި މުސްލިމުންނާ ކުރިމަތިވި މައްސަލަތަކާއި، މަދީނާގައި ކުރިމަތިވާނެ ގޮންޖެހުންތައް ތަފާތުވާނެވެ. މައްކާގައި މުސްލިމުން ތިބީ ނިކަމެތިވެފައިވެއެވެ. މުޖްތަމައުގެ ޙަރަކާތްތަކުން އެކަހެރިކުރެވި، ހަށިގަނޑާއި ފުރާނަ ސަލާމަތް ކުރާނެ ގޮތަކާމެދު ވިސްނަންޖެހިފައިވާ ބައެއްގެ ގޮތުގައެވެ. މުސްލިމުން ވިއްސިވިހާލިކުރެވިފައިވިއެވެ. މުޖްތަމަޢުގެ އަމުރުވެރިންނަކީ މުޝްރިކުންނެވެ. މިއާޚިލާފަށް މަދީނާގައި އެމީހުންނަކީ މިނިވަނުންނެވެ. ފުރަތަމަ ދުވަހުންސުރެ މުޖްތަމައުގެ ހުންގާނުއޮތީ މުސްލިމުންގެ އަތުގައެވެ.  އެއްވެސް ބައެއްގެ ވެރިވެގަތުމެއް ސައިޠަރާއެއްނެތެވެ. މިހެންކަމުގައި މަދީނާގައި ކުރިމަތިވި ގޮންޖެހުންތަކަކީ ރަށްވެހިކަމާއި ޙަޟާރަތާގުޅިފައިވާ ގޮންޖެހުންތަކެކެވެ. ޢުމުރާނީ މައްސަލަތަކެވެ. އިޤްތިސާދާއި، ހިންގުންތެރިކަމާއި ސިޔާސަތާއި، މުޖްތަމަޢުގެ ކިއްލާ އެއްބައިވަންތަކުރުވުމާއި،  ޙުކޫމަތުގެ (ސަރުކާރު) ނުވަތަ ދައުލަތް ބިނާކުރުމުގެ މައްސަލައެވެ. ހަނގުރާމައާއި، ރައްކާތެރިކަމާއި، ސުލޫކީ މިންގަޑުތަކާއި ގުޅިފައިވާ މައްސަލަތަކެވެ.
ޝައްކެތްނެއްގޮތުގައި އިސްލާމީ މުޖްތަމަޢާއި ޖާހިލީމުޖްތަމަޢު ހުރިހާ މަރުޙަލާއެއްގައިވެސް ތަފާތުވާނެވެ.
މުސްލިމުންގެ ޝަރީޙާއާއަށް ބަލާލާއިރު، އެއްބަޔަކީ، ބޯހިޔާވަހިކަމާއި، އާމްދަނީ ހޯދޭނެ ކޮންމެވެސް ވަސީލަތެއް ލިބިފައިވި މަދީނާގެ އަހުލުވެރި މުސްލިމުންނެވެ. އެއީ، އަވްސުވަންހައާއި ޚަޒުރަޖުވަންހައިގެ މުސްލިމުންނެވެ. އަދި އަނެއްބަޔަކީ، ބޯހިޔާކޮށްލާނެ ތަނަކަށް، ޢަވްރަ ނިވާކުރާނެ ފޭރާމަށް، ބަޑުފުރާނަ މުއްތިކުރާނޭ ވަސީލަތަކަށް ބޭނުންޖެހިފައިވާ، އެރަށަށް ހިޖްރަކުރި މުހާޖިރުންނެވެ. މުހާޖިރުންގެ ތެރޭގައި އަތުގައި އެއްޗެއް ހުރިމީހުން ވަރަށްމަދެވެ. މުދަލާއި ގެދޮރު ހުރިހާ މިލްކިއްޔާތު ދޫކޮށްފައި ހިޖްރަކުރިމީހުން މަދެއްނޫނެވެ.
މަދީނާއަކީ މާބޮޑު އިޤުތިޞާދީ އުފެއްދުންތަކެއް އޮތް ތަނެއްނޫނެވެ. އަދި މިނާޒުކު ދަޑިވަޅުގައި އިސްލާމްދީނުގެ ދުޝްމަނުން އިޤުތިޞާދީ ބައިކޯޓްކުރުމާ ވައްތަރުގެ ކަންކަން ހިންގަމުން ގެންދިޔަކަމުގައިވެއެވެ.
މުޝްރިކުން:
މަދީނާގެ މުޝްރިކުންނަކީ މަދީނާގެ އަޞްލު އަހުލުވެރިންގެ ތެރެއިން ހިމެނޭ ބަޔެކެވެ. މި މީހުންގެ ބާރެއް މުސްލިމުންގެ މައްޗަކަށް ނުހިގައެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ، އިސްލާމްދީނަށް ޙަސަދަވެރިކަމެއް އެބައިމީހުންގެ ހިތުގައި ނެތް، އަދި ނުނިޔަތް ލުމެއްމެއް ނެތް މުޝްރިކުންނެވެ. ނަމަވެސް އެބައިމީހުންގެ ކާބަފައިންގެ ދީން ދޫކޮށްލުމާމެދު ޝައްކެއްގެ މަތީގައި އެބައިމީހުންވިއެވެ. މާގިނަ ދުވަސްތަކެއް ފާއިތުނުވަނީސް އެބައިމީހުން އިސްލާމްވި ކަމުގައިވެއެވެ.
އަނެއްބަޔަކީ އިސްލާމްދީނަށާއި މުސްލިމުންނަތް ނުރުހޭ، ޙަސަދަލާ މީހުންނެވެ. ނަމަވެސް މުސްލިމުންނާ ގުޅުންބަހަށްޓަން މަޖުބޫރުވެގެން އެބައިމީހުން މުސްލިމުންނަށް ރުހިގެންވާކަން ފާޅުކޮށްގެން އެބައިމީހުންތިއްބެވެ. މިމީހުންގެ ލީޑަރަކީ ޢަބްދުﷲބްނުއުބައްޔުބްނުސަލޫލެވެ. މުނާފިޤުންގެ ސަރުދާރެވެ. މިޖަމާޢަތަކީ މުސްލިމުންނަ ލަޑެއްދޭނެ ފުރުޞަތެއްގެ އިންތިޒާރުގައި ތިބޭބައެކެވެ.
ޔަހޫދީން:
މިއީ އާޝޫރީންނާއި ރޯމަނުންގެ އަނިޔާވެރިކަމުން ސަލާމަަތްވުމަށްޓަކައި ޙިޖާޒުކަރައަށް އައިސްވަޒަންވެރިވި އަޞްލު އަބްރާނީންނެވެ. އެއަށްފަހު އެބައިމީހުންގެ ޤަބީލާގެ ނަންތަކަށް ދާންދެން ޢަރަބިއަދަބިއްޔާތަށް ބަދަލުވެގެން ދިޔައެވެ. ޔަހޫދީންނަކީ، ސަމާވީ ދީންތަކުގެ މަޢުލޫމާތު ލިބި ތަޢުލީމީ ހޭލުންތެރިކަމެއް ކޮންމެވެސްވަރަކަށް އޮތްބަޔެއްމެވެ. ޔަހޫދީންގެ މަޝްހޫރު ޤަބީލާތަކުގެތެރޭގައި މިއަންނަ ތިންޤަބީލާ ވެއެވެ.
-          ބަނޫޤައިނުޤާޢު: މި ޤަބީލާއަކީ ޙަޒުރަޖްވަންހައާގުޅި މުޢާހަދާވެގެން އުޅުނު ބަޔެކެވެ. މިމީހުންގެ ދިރިއުޅޭ އަވަށްތައް ހުރީ މަދީނާގެ ތެރޭގައެވެ.
-          ބަނުއްނަޟީރު
-          ބަނޫޤުރަައިޘާ: ބަނޫ ޤުރައިޘާއާއި ބަނުއްނަޟީރު މިދެ ޤަބީލާއަކީ އަވްސުވަންހައާއި ގުޅި މުޢާހަދާވެގެން އުޅުނު ދެ ޤަބީލާއެވެ. މިބައިމީހުން ދިރިއުޅުނީ މަދީނާގެކައިރީގައި އާބާދުވެންނެވެ.
ޔަހޫދީ ޤަބީލާތަކަކީ، އަވްސުވަންހަޔާއި އަދި ޚަޒުރަޖްވަންހައިގެ ދެމެދުގައި އަރާރުން ބޮޑުކުރުވައި ފިތުނަވެރިކުރުމުގައި ދެމިގެންވީ ޤަބީލާތަކެކެވެ.
އައު އިސްލާމީ މުޖްތަމަޢު ބިނާކުރުމުގެ މަސައްކަތް
1-      މިސްކިތް އެޅުން /މަސްޖިދުއްނަބަވީ
އެންމެފުރަތަމަ ބިނާކުރެއްވި ތަނަކީ މިސްކިތް ކަމުގައި ވުމުން، އިސްލާމީމުޖްތަމަޢާއި އިސްލާމީ ދަވްލަތުގައި މިސްކިތުގެ މުހިއްމުކަން ކަށަވަރުވެގެން ހިގައްޖެއެވެ. އެހެނީ، މިސްކިތަކީ، އިސްލާމީ މުޖްތަމަޢުގެ އެންމެ އަގުހުރި ޖަވާހިރަކީ، ރަކީޒާއަކީ މިސްކިތެވެ. މިހެންނުވާންވީ އެއްވެސް ސަބަބެއްނެތެވެ. އެއީ، އިސްލާމީ މުޖްތަމަޢު ހަރުދަނާވާނީ، އިސްލާމީ ނިޒާމާއި، ޢަޤީދާއާއި، އަދި އަދަބީ ސުލޫކީ މިންގަނޑުތަކަށް ތަބާވެ އިލްތިޒާމުވެގެންނެވެ. މިކަންކަމަކީ، ތަރުބިޔަތުން ޙާޞިލްވާނެކަންތަކެވެ. ތަރުބިޔަތަކީ މިސްކިތުހަރިއްމަތެރެއިން ތަހުޛީބުވެގެންދާ އެއްޗެކެވެ.

2-      މުއާޚާތު ކުރެއްވުން (މުސްލިމުންގެ މެދުގައި އަޚްވަންތަކަށް ޤާއިމުކުރުން)
ކީރިތި ރަސޫލާ (ޞ)  ދެ މުޢާޚާތެއް ކުރެއްވިއެވެ. އެންމެފުރަތަމ ކުރެއްވީ މައްކާގައެވެ. މައްކާގައި އިސްލާމްވަމުން ދިޔަ މީހުންގެ މެދުގައި ކުރެވުނު މުއާޚާތު ބިނާވެގެންވުމުގެ މަޤުޞަދަކީ، ޙައްޤަށް ނަޞްރުދިނުމާއި އެބޭކަލންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރެއްވުމެވެ. އެއަށްފަހު މަދީނާއަށް ހިޖްރަކުރެއްވުމަށްފަހު، މުހާޖިރުންނާއި އަންޞާރިއްޔަ ބޭކަލުންގެ މެދުގައިވެސް އެއްބަޑު އެއްބަފާކަމުގެ ގުޅުން ޤާއިމުކުރެއްވިއެވެ.
އަޚްވަންތަކަމުގެ ގުޅުމަކީ، ލިޔެފައިވާ ދެލިގަޑެއްނޫނެވެ. ކީރިތި ރަސޫލާ (ޞ) މުހާޖިރުންނާއި އަންޞާޜުންގެ ދިރިއުޅުމާއި،  ދިރިހުުމާއިގުޅިފައިވާ މަތިވެރިގުޅުމެއްކަމުގައި މިކަން ހަމަޖައްސަވައި،  ޙަޤީޤީ މަސްއޫލިއްޔަތެއްކަމުގައި ލެއްވިއެވެ. މިކަން އަޞްޙާބުބޭކަލުންގެ ޢަމަލުފުޅުތަކުން ވަރަށް ރަނގަޅަށް ފާހަގަވެގެންދިޔައެވެ. ޢަބްދުއްރަޙުމާންބްނުޢަވްފު އާއި އެކަލޭގެފާނު މުއާޚާތުކުރެއްވި ސަޢުދުބުނުރަބީޢުގެ އެ މުއާޚާތަށް ޢަމަލުކުރެއްވިގޮތް މިސާލަކަށް ނަގާށެވެ.
އަޞްޙާބުބޭކަލުންނަށް މުއާޚާތުގެ ގުޅުންވިސްނިވަޑައިގަތީ އެއްބަޑު އެއްބަފާކަމުގެގެ ގުޅުން ޤާއިމުކުރެވޭ ދެފަރާތުގެ ދެމެދުގައި ވާރުތަވުން ހިމެނިގެންދާ ގޮތުގައެވެ. އަދި މިއީ، ގާތްތިމާގެ ކަމުގެ ޙައްޤާއި ރަހިމުގެގުޅުމުގެ އިތުރުންއޮންނަ ޙައްޤެއްގެ ގޮތުގައެވެ. ފަހުން މުއާޚާތުގެ ސަބަބުން ވާރުތަވުން އުވިގެންދިޔައީ ވާރުތައާއި ގުޅޭ ޙުކުމްތައް އައުމާއެކުގައެވެ.
ޖުމުލަގޮތެއްގައި މުއާޚާތުގެ މަޤުޞަދަކީ އިޖްތިމާޢީ ޢަދުލުވެރިކަން ޤާއިމުކޮށް، މުހާޖިރުންނާއި އަންޞާރުންގެ މެދުގައި، ކަންކަމުގައި އެއްބާރުލުމާއި، މަދަދުކުރުމާއި، އެހީތެރިވުމާއި، މުއާނަސާގެ ރޫޙޫއާލާކޮށް މިފަދަ އިޖްތިމާޢީ އުޞޫލުތައް ދިރުވުމުގައި އެންމެ ޛިންމާދާރުކުރުވުމެވެ.

3-      ޣައިރު މުސްލިމުންނާއެކު މުޢާހަދާކުރެއްވުން
މަދީނާގައި ދިރިއުޅުނު ޣައިރުމުސްލިމުންނާއެކު ކުރެވުނު މުޢާހަދާއަކީ ޙަޤީޤަތުގައި އެ އިސްލާމީ ދައުލަތުގެ ދަސްތޫރުގެ ޤާނޫނެކެވެ. މިމުޢާހަނދާގެ ނަމަކީ ވަޘީޤަތުލް މަދީނާ، ނުވަތަ ޞަޙީފަތުލް މަދީނާއެވެ. އޭގައި ޖުމުލަ 14 ނުކުތާއެއް ހިމެނިފައިވެއެވެ. މިއެއްބަސް ވުމުގައި ބަޔާންކުރަނީ މުސްލިމުންނާއި އެބައިމީހުންނާއި އެކުވެރިވެ، ގުޅިފައިވާ މީހުންގެ ޙައްޤުތަކާއި، ޒިންމާތަކެވެ. މިއެއްބަސްވުމުގެމަޤުޞަދަކީ، ޖުމުލަގޮތެއްގައި ރައްކާތެރިކަމާއެކު މުސްލިމުންނާއި އެނޫންމީހުން ދިރިއުޅެމުން ގެންދިއުމެވެ. އަދި އެކަމަށްޓަކައި ދީނުގެ ތަފާތުކަމަށް ޘަޤާފަތުގެ ތަފާތުކަމަށް ނުބަލައި ޢާއްމު މަޞްލަޙަތު ރައްކާތެރިކުމުގައި އެއްބައިވެ، އެއްބާރުލުމެވެ.



[1]  އިސްލާމީތަރުބިޔަތު ދަރިވަރުންގެފޮތް ގުރޭޑް 8 އައްޝައިޚު އިބްރާހީމް ޒަކަރިއްޔާ
[2]  އިސްލާމި ދައުލަތުގެ ދެ މަޤުޞަދު ނަގާފައިވަނީ އައްޝައިޚުލް ޙާފިޒު ޢަލީނަޖީބު ލިޔުއްވި އިސްލާމްދީނުގައި ވެރިކަމުގެ ނިޒާމް މިފޮތުން
[3]  އިސްލާމީތަރުބިޔާ ދަރިވަރުންގެފޮތް ގުރޭޑް 9 ، 2007 ގެ ޗާޕު އައްޝައިޚު އަޙުމަދުފާރޫޤު މުޙައްމަދު

No comments:

Post a Comment