Thursday, February 10, 2011

މިސްކިތާއި މިސްކިތުގެ ދައުރު

މިސްކިތާއި މިސްކިތުގެ ދައުރު
މިސްކިތް
މިސްކިތަކީ މި ބިންމަތީގައިވާ ﷲގެ ގެކޮޅެވެ. އެއީ ﷲގެ ޢުބޫދިއްޔަތު އިންސާނުން އިޢުލާނުކޮށް އަޅުކަމުގެ ޝިޢާރުތައް އަދާކުރާ ތަނެެވެ. މުއުމިނުން އިސްލާމީތަރުބިޔަތު ލިބިގަނެ، ތަޢުލީމު އުނގެނި، ނަޞީޙަތް ލިބިގަންނަ ޢިލްމީ މަންހަލެއްކަމުގައިވެސް މިސްކިތްވެއެވެ.
މިސްކިތުގެ މާތްކަން

މިސްކިތަކީ ވަރަށް މުޤައްދަސް ތަނެކެވެ. މިސްކިތައް ލިބިފައިވާ މާތްކަން ދެގޮތަކުން ހާމަވެގެންދެއެވެ.
1-   ކީރިތި ރަސޫލާ (ޞ) ޙަދީޘްފުޅުތަކުގައި މިސްކިތުގެ މާތްކަމާއި، މިސްކިތްބިނާކުރުމުގެ މަތިވެރިކަމާއި، އެތަނާއޮޅުވެއްޖެ މީހުންނަށް ލިބޭނެ މަތިވެރިކަމުގެ ވާހަކަ ބަޔާންވުން
2-   މިސްކިތްތައް ﷲ އަށް ނިސްބަތްކުރުން.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.  وَأَنَّ الْمَسَاجِدَ للهِ فَلاَ تَدْعُوْا مَعَ اللهِ أَحَدًا [1]މާނައީ؛ "ހަމަކަށަވަރުންވެސް މިސްކިތްތަށްވަނީ ﷲއަށެވެ.[2] ފަހެ، ތިޔަބައިމީހުން ﷲއާއެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާށެވެ!"[3]
މިއާޔަތުގައި މިވާ الْمَسَاجِد ގެ ދެމާނައެއް ޢިލްމުވެރިން ބަޔާންކުރައްވައެވެ.  އެއީ (ހ) ސަޖިދައިގެ ގުނަވަންތައް (ށ) އަދި ނަމާދުކުރުމަށް ހަދައިފައިވާ މިސްކިތްތަކެވެ.
މިސްކިތުގެ މި މާތްކަމާއި ޝަރަފުވެރިކަން އެތަނަކަށް ލިބޭނީ އެތަނަކީ، މިމަޤުޞަދަށްޓަކައި ބިނާކުރެވިފައިވާ ތަނަކަށްވެއްޖެނަމައެވެ. މި މަޤުޞަދު އެތަނުން ޙާޞިލުވުމަށްޓަކައި އެތަން ބިނާކުރާ ބަޔަކީ، އެކަމަށް ކުރިމަތިލާފަރާތްތަކަކީ ވަކިކަހަލަ ޞިަފަތަކެއްގެ ވެރިން ކަމުގައިވާންޖެހެވެ. އެފަދަ މީހުން މުވާޞަފާތު ސޫޜަތުއްތަވްބާގެ 18 ވަނައާޔަތުގައި އަންގަވާފައިވެއެވެ. އެއީ؛
1-    ﷲ އަށް އީމާންވުން ޙައްޤުޤުގޮތުގައި އީމާންވުން. މަދީނާގައި މުނާފިޤުން އެޅި މިސްކިތް ޤުރް އާނުގައި ސިފަކުރެވިފައިވަނީ މަސްޖިދުއް ޟިރާރުގެ ގޮތުިގައެވެ. އެބައިމީހުންނަކީ މިސްކިތުގެ ޙަޤީޤީ މަގުޞަދަށްޓަކައި މިސްކިތް އެޅުމުގެ ޤާބިލުބައެއްކަމުގައިނުވެއެވެ. އެއީ، އެބައިމީހުންގެ އީމާންނަކީ ހަމައެކަނި ދުލުކޮޅުގައި އޮތް އީމާންކަމެކެވެ. ޙަޤީޤީ އީމާނަކި ހިތުގެތެރެއިން އައިސް ގުނަވަންތަކުން، ހަށިގަޑުން، ދިރިއުޅުމުން އޭގެ އަސަރު ފެންނަންޖެހޭ އެއްޗެކެވެ.
2-    އާޚރަތްދުވަހަށް ފުރިހަމައަށް އީމާންވުން
3-    ޒަކާތުގެ ހުރިހާވައްތަރެއް އަދާކުރުން
4-    ﷲގެ މަގުގައި އެއްވެއް ފަރާތަކަށް ބިރުވެތިނުވުން، ހަމައެކަނި ﷲގެ ރަސްކަންފުޅަށް ޖެހިލުންވެ ބިރުވެތިވުން

މިސްކިތުގެ ރިސާލަތުގެ ޚުލާޞާ (މައިގަނޑު މަގުޤަޞަދު)
މިސްކިތްތަކުގެ މައިގަނޑު މަގުޞަދު ސޫޜަތުއް ޖިންނީގެ 18 ވަނަ އާޔަތާއި އަދި ޤުރައިޝްގެ 3 ވަނަ އާޔަތުގައި ބަޔާންވެގެން އެވަނީއެވެ. އެއީ ﷲގެ ޢުބޫދިއްޔަތު ކަށަވަރުކޮށް އެކަލާނގެއަށް އަޅުކަން ކުރުމެވެ. އަޅުކަމުގެ ރިސާލަތަކީ އިންސާނާގެ މުޅި ޙަޔާން އޭގައި ޝާމިލް ވެފައިވާ އެއްޗެއްކަމަށް ވުމާއެކު މިސްކިތަކީ އިންސާނީ ޙަޔާތުގެ މިޙުވަރެވެ. ނުވަތަ ނާރެހެވެ.އޭގެ ވަށައިގެން އިންސާނީދިރިއުޅުން ދެމިންގެންވުމީ އެންމެ ހެޔޮވެގެންވާ ގޮތެވެ.
އަނެއްކަމަކީ، ފުރަތަކަމުގެ ސަބަބުން ލާޒިމުވާ އެންމެހައި ކަންތައް އަދާކުރުމާއި، ރައްބާނީ ސިފަޖެހުމުގެ ސަބަބުން ލިބިގެންދާ ނަތީޖާއެވެ. އެއީ، މަސްޖިދު ޟީރާރު



މިސްކިތުގެ އަދަބުތައް
1-    މާއްދީ އަދި މަޢުނަވީ ނަޖިހުން އެތަން ތާހިރުކުރުން
2-    ޒީނަތްތެރިކަމާއެކު މިސްކިތައްދިއުން
3-    މަޑުމައިތިރިކަމާއެކު މިސްކިތުގައި އުޅުން
4-    ވަންނަމުން ދުޢާކިޔުމާއި ކަނާތުފައި އިސްކުރުން
5-    ނުކުންނަމުން ވާތުފައި އިސްކުރުމާއި ދުޢާކިއުން
6-    މިސްކިތައްވަދެ، މިސްކިތު ސުންނަތްކުރުްނ
7-    ފައިވާނާއެކު ނުވަނުން

މިސްކިތުގެ އަދަބާޚިލާފުކަންތައް

1-    ޙައިޟުނިފާސްވެރިން ވަނުން
2-    ޖުނުބުވެރި ޙާލަތުގައި ވަނުން
3-    މިސްކިތް ގިރިޓީކުރުން
4-    މިސްކިތުގައި ދިރިއުޅޭ ކޮޓަރި ހެދުން
5-    ގަނެވިއްކުން އަދި ގެއްލޭތަކެތި އިޢުލާންކުރުން
6-    ބަންގި، ގަމަތް، ވަޢުޡު، ތަޢުލީމު މިފަދަ ކަންކަންނޫން ކަންކަމުގައި އަޑުއުފުލުން
7-    ބަންގިގޮވުމަށްފަހު ނުކުތުން

ރަސޫލާގެ ޒަމާނުގައި މިސްކިތް
ކީރިތި ރަސޫލާ (ޞ) މަދީނާއަށް ހިޖްރަ ކުރެއްވުމާއެކު، އަލްމަދީނަތުލް މުނައްވަރާގައި އިސްލާމީ ބަދަހި މުޖްތަމަޢެއް ބިނާކުރެއްވުމުގެ ގޮތުން، އެންމެފުރަތަމަވެސް އެޅުއްވި ފިޔަވަޅަކީ އެކަލޭގެފާނުގެ މިސްކިތްކޮޅުހެއްދެވުމެވެ. އެހެނީ،އިސްލާމީ މުޖްތަމަޢުގައި މިސްކިތަކީ އެތާނގެ ފުރަތަމަ ތަބެވެ. އިސްލާމީ މުޖްތަމަޢުގައި އަދި ދައުލަތުގައި އެންމެ މުހިއްމު ރަކީޒާއަކީ މިސްކިތްކަމުގައި ވީހިނދު މިސްކިތް ބިނާކުރުމަށް ރަސޫލ (ޞ) ސަމާލުކަން ދެއްވުމަކީ ޢަޖައިބުވާންވީ ކަމެއްނޫނެވެ. އެހެނީ، އިސްލާމީ ޝަޚްޞިއްޔަތު ވަރުގަދަ އީމާންކަމުގައި ހަރުދަނާ ގުޅުމުގައި ބަދަހި ހެޔޮޢަމަލުކުރުމުގައި ދެމިގެންވާ  އިސްލާމީ ދަޢުވަތު ފޯރުކޮށްދިނުމުގައި ކެތްތެރިކަމާއެކު ސާބިތުވާނެ ފަދަ ދަރިން ތަރުބިއްޔަތުކޮށް ވަރުގަދަ އިސްލާމީމުޖްތަމަޢެއް ބިނާކުރެވޭނީ އިސްލާމީ ނިޒާމާއި، ޢަޤީދާއި އަދި އަދަބަށް މެދުކެޑުމެއްނެތި އިލްތިޒާމުވެގެންނެވެ. މިދެންނެވި ތަރުބިޔަތު މުޖްތަމަޢުގެ ދަރިންގެ ހިތްތަކަށް ފޯރުކޮށްދިނުން ފެށި ތަހުޒީބުވަމުން އަންނަނީ މިސްކިތުގެ ރޫޙުގެތެރެއިންނެވެ.
ކީރިތި ރަސޫލާ(ޞ) ޒަމާނުގައި މިސްކިތުގެ ދައުރާއި ރިސާލަތުން ފާހަގަކުރެވޭ މުހިއްމުކަންކަމުގެ ތެރޭގައި
-         ރަސޫލާ (ޞ) މުސްލިމުން ޠަބީޢީގޮތުން ބައްދަލުވެ އުޅޭތަންކަމުގައިވުން
-         ތަޢުލީމާއި ތަރުބިޔަތުދޭ، ދީނީ ޢިލްމީ ޙަލަޤާތަކާއި  ފިލާވަޅުތައް ދެވޭ މަރުކަޒުކަމުގައިވުން
-         އިޖްތިމާޢަތްތައް ޢަޤުދުކުރުން
-         މުޢާހަދާތައް ލިޔެމުޢާހަދާކުރުން
-         ލަޝްކަރުތައް ފޮނުވުން
-         ދައުވާތަކުގެ ފައިޞަލާކުރުމާއި ކައިވެނި ޢަޤުދުކުރުން
މިކަންކަމުން ހާމަވެގެންދަނީ އިސްލާމީ މުޖްތަމަޢުގައި މިސްކިތަކީ ދިރިއުޅުމުގެ ނާރެސްކަމުގައެވެ. އިންސާނާގެ މުޅިދިރިއުޅުން އެތާނގެ ވަށައިގެން އެބުރެއެވެ.

މިސްކިތުގެ ރިސާލަތު އަބުރައި ގެނައުން
މިއީ، އިސްލާމީ އުއްމަތުގެ އުސްތާޛިއްޔަތު އަބޫރާގެނައުމެވެ. ޚައިރިއްޔަތު ލިބިގަތުމެވެ. ނިކަމެތި ކަމުން، ޢިއްޒަތްތެރިކަމަށް ރުޖޫޢަވުމެވެ. މިކަމަށްޓަކައި މިއަދު މުސްލިމުންނަށް މިއަންނަށް ކަންކަމަށް ލޯހުޅުވިފައިވުން ލާޒިމުވެއެވެ.
§        މިސްކިތުގެ ރައްބާނީވަންތަކަމާއި އެތާނގެ އިޖްތިމާޢި ދައުރު
§        މިސްކިތަކީ އިސްލާމީ މުޖްތަމައުގެ މިޙުވަރުކަމާއި، އެ ޖަމާޢަތުގެ އަސާސްކަން
§        މިސްކިތަކީ، އިރުޝާދުދިނުމާއި، މަގުއަންގައިދިނުމާއި، މައުލޫމާތު ފެތުރުމުގެ މުއައްސިސާއެއްކަން
§        މިސްކިތަކީ ތަޢުލީމާއި ތަރުބިޔަތާއި ތަޢުލީމުގެ މުއައްސިސާއެއްކަން
§        މިސްކިތަކީ، މިނިވަންކަމާއެކު މަޝްވަރާކުރުމުގެ މުއައްސިސެއްކަން
§        މިސްކިތަކީ އިޖްތިމާޢީ ޚިދުމަތާއި، އަޅާލުމުގެ މުއައްސިސާއެއްކަން



[1]  سورة الجن 18
[2]  އެބަހީ ﷲއަށް އަޅުކަން ކުރުމަށް ޚާއްޞަކުރެވިފައިވާތަނެކެވެ.
[3]  މިއާޔަތް ބާވައިލެއްވުނު ސަބަބު އިބްނުޢައްބާސްގެ އަރިހުން އިބްނުއަބީ ޙާތިމްރިވާކުރައްވަނީ މިފަދައިންނެވެ. އިބްނުޢައްބާސްވިދާޅުވިއެވެ. ޖިންނީން ކީރިތި ރަސޫލާ (ޞ) އަށް ދެންނެވިއެވެ. އަހަރެމެން، ކަލޭގެފާނާއެކު ކަލޭގެފާނުގެ މިސްކިތްކޮޅުގައި ނަމާދަށް ޙާޟިރުވުމަށް ހުއްދަދެއްވާށެވެ! ފަހެ، މިކަމާގުޅިގެން މިއާޔަތް ﷲ ބާވައިލެއްވިއެވެ.

No comments:

Post a Comment