ސިޙުރު ފަންޑިތަ ތަވީދު
1- ސިހުރަކީކޮބާ؟ (ސިހުރުގެ މަފުހޫމް)
§ ލަފުޒީމާނަވަރަށް ގިނައެވެ. އޭގެތެރޭގައި، އެއެއްޗެއްގެ މައުޚަޛު ލޫޅާފަތިވެއްޖެ ކޮންމެ އެއްޗެއް (އިބްނުމަންޒޫރު)، ބާޠިލު ޙައްޤުގެ ސިފައިގައި ނެރެދެއްކުން[1] ލޮލަށް އެއްޗެއް ފުރަތަމަ ފެންނަ ހިނދު ލިބިގަންނަ ފޮޓޯ، ނުވަތަ ކުރެހުން އޭގެ އަޞްލު ޙަޤީޤަތަކީ ލޮލަށް ފެނުނު ފޮޓޯކަމުގައި ނުވެ ހިނގައިދާނެވެ. މިއީސިޙުރުގެ ލަފުޒީމާނައެވެ. ލޮލުގެ ޖާދޫ، ނުވަތަ ޖާދު، ލައްބުވާލާ ބާރު، ސަޙަރުުގެ ވަގުތު، އަދި ފޮރުވިފައިވާ މިއީ ހައްތަހާވެސް ސިޙުރުގެ ލަފުޒީމާނައިގައި ހިމެނޭ ބައެއް މާނައެވެ.
§ ޤުރްއާނުގައި ޢިލްމުގެ މާނައިގައި، ސިޙުރުވެރިޔާ ހުނަރުވެރިޔާ، މިމާނައިގައި، އަދި ސިޙުރު ދޮގުބުހުތާނަށާއި، ލޮލުގެ ޖާދޫއަށާއި، މޮޔަވުމުގެ މާނައިގައި އަދި ޙައްޤުން އެއްކިބާވުމުގެ މާނަފަދަ މާނަތަކުގައި ބޭނުން ކުރެވިފައިވެއެވެ.
§ ސުންނަތުގައި ރޯދައަށް ހުރުމަށް ކާކެއުމަށް (ހާރުކެއުމަށް)، ކަންކަން ކުރެވޭކަމަށް ހީވުމަށް، ފަތިސްވުމުގެ ކުޑައިރުކޮޅެއްގެ ކުރީގެ ވަގުތަށް، ބަލާޣަތްތެރި ބަސްމޮށުންތެރި ކަމަށް އަދި ގުނަވަނުގެ މާނައިގައި އައިސްފައިވެއެވެ.
2- އިސްޠިލާޙީ މާނައަކީކޮބާ؟
ޢިލްމުވެރިންގެ ވަރަށްގިނަ ތަޢުރީފުތައް ބަޔާންވެގެންވެއެވެ. ޢިލްމުވެރިންގެ ތަޢުރީފުތަކަށް ބަލާއިރު ސިޙުރަކީ އުނގެނެވޭ، ލިބިގަންނަ ޢިލްމެކެވެ. އެއީ މަކަރުވެރިކަމާއި އޮޅުވާލުމާއި ގުޅިފައިވާ އަދި އެންމެ ގޯސްނަފުސުތަކުގެވެރިން ކުރާކަމެކެވެ. އެކަމުގައި ކޮންމެ އެއްޗެއްވެސް އޭގެ ޙަޤީޤަތް ނޫން ސިފައެއްގައި ލޮލަށް ދައްކައިދެއެވެ. އެއީ، ﷲގެ މަޚުލޫޤުންނަށް ގެއްލުންދިނުމަށް ކުރާކަމެވެ. މިދެންނެވި، އޮޅުވާލުމާއި، ލޯމައްޗަށް ޙަޤީޤަތް ފޮރުވުމާއި، ގެއްލުން ދިނުން ފަދަ ކަންތައް ކުރެވެނީ ޝައިޠާނުންގެ އެހީގައެވެ. އަދި ޝައިޠާނުންގެ އެހީއާ ވާގިވެރިކަން ހޯދަނީ ގޯސް ބަސްބުނެގެންނެވެ. ނުވަތަ ގޯސްޢަމަލުތައް ކޮށްގެން ނެވެ. ޝިރުުކުގެ ބަސްތަކާއި، ކަންކަން ހިމެނޭ ފަންޑިތައާއި، ޝައިޠާނާއަށް ތާރީފުކޮށް މަދަކިޔާ ކިޔެވެލިތައް އޭގައިވެއެވެ. ތަރިތަކަށް އަޅުކަންކުރުމާއި ފާސިޤުޢަމަލުތައް ހިމެނެއެވެ. ޝައިޠާނާގެ ކައިރިކަމާއި ލޯބި ލިބޭފަދަ ކަންކަން ޤަބޫލުކޮށްގެން ނެވެ. އޭގެ ސަބަބުން ސިހުރު ޖެހިފައިވާ މީހާއަށް ސިޙުރުގެ އަސަރުކުރެއެވެ.
3- ސިޙުރުއުފެދުމާއި އޭގެ ސަބަބުތައް
§ ސިޙުރަކީ ވަރަށް ޒަމާންވީ ޢިލްމެކެވެ. ހުނަރެކެވެ. އިބްނު ޙަޖަރު ވިދާޅުވާގޮތުގައި "ނޫޙު ޢަލައިހިއްސަލާމްގެ ޒަމާނުގައި ސިޙުރުވިއެވެ. އެހެނީ، ނޫޙުޢަލައިހިއްސަލާމްގެ ޤައުމުގެ މީސްތަކުން އެކަލޭފާނަކީ ސިޙުރުވެރިޔެކޭ ބުނެ އެކަލޭގެފާނަށް ދޮގުތުހުމަތު އަޅުވާފައިވާކަން ﷲ އަހަރެމެންނަށް އަންގަވާފައިވެއެވެ."
§ ސިޙުރަކީ އިމްތިޙާނު ކުރެއްވުމަށްޓަކައި އުޑުން ބާވައިލެއްވި އެއްޗެއްހެއްޔެވެ؟ ނޫނީ ސިޙުރުގެ އަޞްލު މަޞްދަރަކީ ބިމުގެ އަހުލުވެރިންހެއްޔެވެ؟
§ ސިޙުރު އަދި ސިޙުރުވެރިން ގިނަވެ ފެތުރުމުގެ ސަބަބުތައް ވަރަށް ގިނައެވެ. އިސްލާމް ދީނުގެ ރިވެތި ތަޢުލީމާ ދިރިއުޅުމުގެ ނިޒާމާއި ދުރުވެ ދިއުމާއެކު އަނިޔާވެރިކަންފެތުރި، އިޖްތިމާޢީ ބަލިތަކާއި އެނޫން ބަލިތައް ޢާއްމުވެދެއެވެ. ސިޙުރުފަންޑިތައާއި ހާހޫރުތަކާއި ފުލޯކުތަކަކީ މިފަދަ ޙާލަތްތަކުގެ ތެރެއިން ޢާއްމުވާއެއްޗެކެވެ. މީގެއިތުރުން ލޯބީގެ މައްސަލަތަކާއި ކައިވެނީގެ ހަަމަނުޖެހުމާއި، ވެރިކަމަށް ދަހިލެވުމާއި، މި ފަދަ އެތައް ކަންތައް ތަކެއްގެ ސަބަބުން ސިހުރުފަންޑިތަ ޢާއްމުވާގޮތް ވެދެއެވެ.
4- ސިހުރާއި އެހެން އާދަޔާ ޚިލާފު ކަންތައްތައް
އިސްލާމީ ޘަޤާފަތުގެ ތެރޭގައި ވަރަށް ގިނަ އާދަފޫވައްޓާލައިފަދަ އާދައާ ޚިލާފުކަންކަން ވެއެވެ. އަދި އެހުރިހާ އެއްޗަކީ އެއްދަރަޖައެއްގައިވާ އާދައާ ޚިލާފުތަކެއްޗެއްނޫނެވެ. މިދެންނެވި އާދަޔާޚިލާފު ކަންކަމުގެ ތެރޭގައި މުޢުޖިޒާތާއި، ކަރާމާތާއި، އިރުހާޞާތު ހިމެނިގެންވެއެވެ. މިހުރިހާ އެއްޗަކާއި އަޅާ ބަލާއިރު ސިޙުރު އެފަދައެއްވެސް އެއްޗަކާ އެއްގޮތެއް ނޫނެވެ.
މުޢުޖިޒާތް | ކަރާމާތް | އިރުހާޞާތު | ސިޙުރު |
§ ﷲގެ ޙަޟުރަތުން ރަސޫލުންނާއި ނަބީންގެ ކިބައިން ފާޅުކުރައްވާ އާދަޔާ ޚިލާފުކަމެއް | § ﷲގެ ޙަޟުރަތުން، އެކަލާނގެ އެދިވޮޑިގެންވާ ޞާލިޙުއަޅެއްގެ ކިބައިން ފާޅުކުރައްވާ އާދައާ ޚިލާފުކަމެއް | § ﷲ ފާޅުކުރައްވާ އާދަޔާ ޚިލާފުކަމެއް، ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރީގައި، ނުވަތަ ރަސޫލެއް ފޮނުއްވުމުގެ ޒަމާން ކައިރިވެއްޖެކަން އެންގެވުމަށް | § ޝަޠާނާގެ އެހީގައި އެންމެ ގޯސްމީހުން ކުރާ، ލޯމައްޗަށް އޮޅުވައިލުން ހިމެނިފައިވާ އާދަޔާ ޚިލާފުކަމެއް |
5- ސިހުރު ސާބިތުކުރާމީހުންނާއި އެއަށް އިންކާރުކުރާމީހުން
ސިޙުރުގެ އަސަރުކުރުމާއި ނުވަތަ އޭގެ ނަތީޖާއާ މެދު ޢިލްމުވެރިންގެ މެދުގައި ތަފާތުވުމެއްވެއެވެ. ބައެއް ބޭކަލުން ދެކެލައްވާގޮތުގައި އެއީ ހަމައެކަނި ޚިޔާލުކުރެވޭ ކަމެކެވެ. އަދި އޮޅުވައިލައި މަކަރުވެރިކަމެކެވެ. އެނޫންކަމެއް އެއަކު ނުވެއެވެ. އެއީ އެއްވެސް ޙަޤީޤީ އަސަރެއް ހުރިއެއްޗެއް ނޫނެވެ. މިގޮތުން އެބޭފުޅުން "ޙަޤީޤީ ސިޙުރު" އަށްވެސް އިންކާރުކުރެވެއެވެ. މީގެ ތެރޭގައި އަލްއިމާމުލް ޖައްޞާޞް، އައްޒަމަޚްޝަރީ އަދި އައްރާޒީ ހިމެނިވަޑައިގަންނަވައެވެ. އަނެއްބައި ޢިލްމުވެރިން ދެކެލައްވާގޮތުގައި ސިޙުރުގެ ދެބާވަތެއްވެއެވެ. އެއީ ޚިޔާލުކުރުމާގުޅިފައިވާ ސިޙުރާއި ޙަޤީޤީ ސިޙުރާއެވެ.
ޖުމުހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ސިޙުރަކީ ޙަޤީޤަތެކެވެ. އޭގެ އަސަރުވެއެވެ. އަލްއިމާމުލް ޤުރްޠުބީ ވިދާޅުވެފައިވެއެވެ. ސުންނަތުގެ އަހުލުވެރިން ވިދާޅުވާގޮތުގައި ސިޙުރުގެ ޙަޤީޤަތެއްވެއެވެ. އެއީ އަސަރަކީވެސް ސާބިތުވެގެންވާ އެއްޗެކެވެ. އައްނަވަވީ ވިދާޅުވެފައިވެއެވެ. "އެންމެ ޞައްޙަގޮތަކީ، ސިޙުރުގެ ޙަޤީޤަތެއް ވުމެވެ. އަދި މިއީ، ޖުމުހޫރު ޢިލްމުވެރިން ޔަޤީންކޮށްދެއްވައި ކަށަވަރު ކޮށްދެއްވާފައިވާގޮތެވެ. ހަމައެހެންމެ ޢިލްމުގެ އަހުލުވެރިންގެ ގެ މަޛުހަބަކީވެސް މިއެވެ. އަދި ޤުރްއާނާއި ޞައްޙަ ސުންނަތުން ދަލީލުކުރާ ގޮތަކީވެސް މިއެވެ."
6- ސިހުރުގެ ބައިތައް: މީގެ ތެރޭގައި ޙަޤީޤީ ސިޙުރާއި [2]މަޖާޒީ ސިޙުރު [3]ހިމެނިގެންވެއެވެ. ޙަޤީޤީ ސިޙުރުގެ ތެރޭގައި މިއަންނަ ކަންތައްތައް ހިމެނެއެވެ. އެއްވެސް މެދުވެރިއަކާ ސިޙުރުވެރިޔާ ހިއްމަތާއި ޢަޒުމުގެ ވަރުގަދަކަމުން އަސަރުކުރާ ސިޙުރާއި، ތަވީދާއި ބަޑިއާއި މިފަދަ ތަކެތީގެ ސިޙުރާއި، ތަރިތަކާއި ބުރުޖާއި ގުޅިފައިވާ ސިޙުރެވެ. ނުވަތަ ނުޖޫމީ ޢިލްމާގުޅިގެން ހަދާ ސިޙުރެވެ. އަދި ޚިޔާލުކުރެވުމާއި، ލޮލުގެ ކުރިމަތިން ޙަޤީޤަތް ފޮރުވާ އޮޅުވާލުން ހިމެނިގެންވެއެވެ.
7- އިސްލާމީ ޝަރީޢަތުގައި ސިޙުރުގެ ޙުކުމާއި އަދަބު
ޖުމުހޫރު ޢިލްމުވެރިން ވިދާޅުވާގޮތުގައި ޙަޤީޤީ ސިޙުރު ހަދާމީހާއަކީ ކާފިރެކެވެ. އިބްނުޤުދާމާ[4] ވިދާޅުވެއެވެ. ސިޙުރު އުނގެނުމާއި އުނގަންނައި ދިނުމަކީ ޙަރާމްކަމެކެވެ. ޢިލްމުގެ އަހުލުވެރިންގެ ތެރޭގައި މިކަމުގައި ދެބަސްވުމަށް އޮތް ކަމެއް އަހަރެމެން ނުދަންނަމެވެ. އަހަރެމެން އަޞްޙާބުން ބުނެފައިވެއެވެ. ސިޙުރު އުނގަންނައިދިނުމާއި ހެދުމަކީ ކާފިރުވާނެކަމެކެވެ. އެކަމަކީ ޙަރާމްކަމެއްކަން ޤަބޫލުކޮށްގެން ކުރިއަސް އަދި ޙަލާލުކަމެއްކަމުގައި ޤަބޫލުކޮށްގެން ކުރިއަސް މެއެއެވެ.
އަލްއިމާމުލް ޤުރްޠުބީ[5] ވިދާޅުވެފައިވެއެވެ. "ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. މި ޞިނާޢަތުގެ ޢިލްމުވެރިން، ސިޙުރަކީ ކާފިރުކަމާއި ބޮޑާކަމާއި ޝައިޠާނާ މަތިވެރިކުރުމުން ނޫނީ ނުވާނެކަމެއްކަމުގައި ބުނާނަމަ، އެކަން، ދަލީލުކުރަނީ ކާފިރުވުމަށެވެ."
އިބްނުލް ޙަޖަރުލް ޢަސްޤައްލާނީ[6] ވިދާޅުވެއެވެ. "ސިޙުރަކީ ކުފުރެކެވެ. އެ އުނގެނޭ މީހާއަކީ ކާފިރެކެވެ. އެކަން ކުރެވޭނީ ޝައިޠާނަށް ނޫނީ ތަރިތަކާއި ބުރުޖުތަކަށް އަޅުކަން ކޮށްގެންނެވެ. ޙަނަފީ މަޛުބަހުގެ ޢިލްމުވެރިން ވިދާޅުވެއެވެ. "ސިޙުރު ހަދާ ސިޙުރުވެރިޔާ ކާފިރެކެވެ. އޭ ޤަތުލުކުރުން ޙައްޤުވެގެންވެއެވެ."
ޖުމުހޫރު އިލްމުވެރިން[7] ދެކެލައްވާގޮތުގައި ހަމައެކަނި ސިޙުރުހެދުމުން ސާޙިރު ޤަތުލުކުރެވޭނެއެވެ. ނަމަވެސް ޝާފިޢީން ދެކޭގޮތުގައި ހަމައެކަނި ސިޙުރުހަދާލުމަކުން ޤަތުލުކުރުމުގެ ޢުޤޫބާތް ޙައްޤެއް ނުވާނެވެ. ތަޤިއްޔުއްދީނުއް ސަބަކީ ވިދާޅުވެފައިވެއެވެ. މިކަމުގައި ޝާފިޢީ މަޛުހަބުގެ ޚުލާޞާއަކީ ސިޙުރުވެރިންގެ ތިންޙާލަތެއްވެއެވެ. އެއީ؛ (1) ކާފިރެއްގެ ގޮތުގައި މެރުން ޙައްޤުވާޙާލަތާއި (2) ޤިޞާޞުގެ ގޮތުގައި މެރުން ޙައްޤުވާ ޙާލަތާއި (3) ޤަތުލުނުކޮށް ތަޢުޒީރުކުރެވޭ ޙާލަތެވެ.
8- ސިޙުރު އުނގެނުމާއި އުނގަންނައިދިނުމުގެ ޙުކުމް: ސިޙުރާއި އެހެން އާދަޔާޚިލާފު ކަންކަމާއި އިލްމުގެ ތަފާތު ދެނެގަތުމަށް އުނގެނުން ލާޒިމެވެ. މަނާކަމަކީ އެއަށް ޢަމަލުކުރުމެވެ. އަނެއްބައި ޢިލްމުވެރިން ދެކޭގޮތުގައި އެއްގޮތެއްގައި އެއީ ޙަރާމްކަމެކެވެ. އަދި އަނެއްގޮތެއްގައި ޖާއިޒުކަމެކެވެ. ނަމަވެސް ޖުމުހޫރު ޢިލްމުވެރިން ވިދާޅުވާގޮތުގައި ސިޙުރު އުނގެނުމާއި އުނގަންނައި ދިނުން ހަމަހައެވެ. އެއީ ކުފުރެކެވެ.
9- ސިޙުރުގެ ފަރުވާކުރުމާއި ސިޙުރުން ރައްކާތެރިވުން: ﷲތަޢާލާ ކޮންމެ ބައްޔަކަށްވެސް ފަރުވާ ބާވައިލެއްވިއެވެ. އެކަލާނގެ ކަލާމްފުޅަކީ މާނަވީ ބަލިތަކުގެ ފަރުވާއެއް ކަމުގައި ލެއްވިއެވެ. މިގޮތުން، ޝައިޠާނާ އަވަލުމާއި، ސިހުރުގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި ސިޙުރުގެ އާޔަތްތަކުން ފަރުވާ ލިބިގަނެވިދާނެވެ. ހަމައެހެން މިކަމުގައި އިތުބާރުހުރި ޞާލިޙު ޢިލްމުވެރިން ޤުރްއާނާއި ސުންނަތުން ޢަމަލުކުރެއްވި ގޮތުގެ ނަމޫނާގައި ހިފައި އެގޮތަށް ޢަމަލުކުރެވިދާނެވެ. އަލްއިމާމުލް ބުޚާެރީގެ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. "ހެނދުނު ޢަޖުވާކަދުރުގެ ހަތްކަދުރު ކާމީހަކަށް އެދުވަހެއްގައި ވިހައެއްގެ އަދި ސިހުރެއްގެ އަސަރެއް ނުކުރާނެވެ." މިހެންވެ، ކަމުގެ ފަންނުވެރިން ބުނެއެވެ. ހެދުނު ހުސްބަޑާހުރެ މަދީނާގެ ޢަޖުވާކަދުރުގެ ހަތްކަދުރު ކެއުމުގެ ކުޅަދާނަކަން ހުރިނަމަ ކާށެވެ. އެކަމަށް ކުޅަދާނަ ނުވިނަމަ ކޮންމެ ރަށެއްގެ ކަދުރުކަމުގައިވިޔަސް ޢަޖްވާކަދުރުގެ 7 ކަދުރު ކޮންމެ ދުވަހަކު ހެދުނު ހުސްބަނޑާހުރެގެން ކާށެވެ. މިއީ ސިހުރާއި ވިހައިގެ ފަރުވާއެކެވެ. މިނޫންވެސް އެތައް ފަރުވާއެއް ޤުރްއާނާއި ސުންނަތުގައި އައިސްފައިވެއެވެ.
[1] އަލްމިޞްބާޙުލް މުނީރު ފި ޣަރީބި ޝަރްޙިލް ކަބީރި އައްރާފިޢީ
[2] ޙަޤީޤީ ސިޙުރަކީ ޢާލަމުލް ޢަނާޞިރުގައި އޭގެ ޙަޤީޤީ އަސަރު ހުންނަ ސިޙުރެވެ.
[3] މަޖާޒީ ސިޙުރަކީ ޙީލަތާއި މަކަރާއި އޮޅުވާލުމުގެ މަތީގައި ކުރެވޭ ޖާދޫއެވެ. ސިޙުރެވެ.
[4] ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިއެއް
[5] މާލިކީ މަޛްހަބުގެ ޢިލްމުވެރިއެއް
[6] ޝާފިޢީ މަޛްހަބުގެ އިލްމުވެރިއެއް
[7] ޙަނަފީ، މާލިކީ އަދި ޙަންބަލީ މަޛުހަބުގެ ޢިލްމުވެރިން
No comments:
Post a Comment