އިޖްތިހާދުކުރުމާއި ތަޤުލީދުކުރުން
ތަޢުރީފު
الإجتهاد މިއީ جَهْد ނުވަތަ جُهْد ން ނެގިފައިވާ ބަހެކެވެ. جَهْد އަދި جُهْد މީގެ މާނައަކީ ގަދަ، ބުރައެވެ. އުދަގުލެވެ. އަދި جَهْد ގެ މާނައަކީ ބުރަ އަދި އުދަގޫކަމަށާއި جُهْد ގެ މާނައަކީ ހަކަތައާއި ބާރުކަމަށްވެސް ބުނެވިގެންވެއެވެ. ވުމާއެކު الإجتهاد ލަފްޒީމާނައަކީ "(ކޮންމެވެސް ކަމެއް ޙާޞިލްކުރުމަށް ނުވަތަ ލިބިގަތުމަށް) ބުރަ މަސައްކަތްކުރުމެވެ." [1]ވަޙީކުރައްވާފައިވެއެވެ. وَأَقْسَمُوْا بِاللهِ جَهْدَ أَيْمَانِهِمْ [2] މާނައީ؛ އެބައިމީހުންނަށް ވެވެންއޮތްހާ ގަދައަކަށް ﷲގަންދީ އެބައި މީހުން ހުވާ ކުރެއެވެ. މިއާޔަތް ޤުރްއާނުގެ ފަސްތަނެއްގައި ތަކުރާރުވާއިރު އެހުރިހާ އާޔަތެއްގައިވެސް ދަލީލުކުރަނީ ހުވާކުުރުމުގައި ވީހާގަދައެއްކޮށް ހުވާކޮށް ހުވާކުރުމުގައި މުބާލަޣާކުރުމަށެވެ.
الإجتهاد ގެ ލުޣަވީ މާނައަކީ ކަމެއް ޙާޞިލުކުރުމުގައި ވީހާގަދައެއްކޮށް ބުރައުފުލުމާއެކު މަސައްކުރުމެވެ. މުޢާޛުބްނު ޖަބަލު ޔަމަނަށް ފޮނުއްވަމުން ކީރިތި ރަސޫލާކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން، ޤުރްއާނާއި ސުންނަތުން އެކަމެއްގެ ޙައްލު ނުފެނިއްޖެ ކޮންމެ ކަމެއް ނިންމާނެގޮތް ބަޔާންކުރައްވަމުން ވިދާޅުވިއެވެ. أَجْتَهد رَأْيِيْ މާނައީ؛ (ޤުރްއާނާއި ސުންނަތުން އެކަމެއްގެ ޙުކުމް ނުލިބިއްޖެ ކޮންމެ ކަމެއްގެ ޙުކުމް ހޯދުމަށްޓަކައި ވިސްނުމާއި ޢިލްމުގެ ހަކަތަ އޭގެ ނިހާޔަތަށް ބޭނުންހިފައި) އެކަމުގެ ރަނގަޅު ޙުކުމައަށް ވާޞިލުވުމަށްޓަކައި އަހަރެން ގަދައަޅައި މަސައްކަތްކުރާނެވެ.
އިޞްޠިލާޙީމާނަ
ދަންނަބޭކަލުން އިޖްތިހާދުގެ ވަރަށްގިނަ އިޞްޠިލާޙީ ތަޢުރީފުތައް ކުރައްވާފައިވެއެވެ. އެހުރިހާ ތަޢުރީފުތަކުގެ ތެރެއިންވެސް އެންމެ ރަނގަޅު ތަޢުރީފަކީ އަލްއިމާމުލް ބައިޟާވީ ކުރައްވާފައިވާ ތަޢުރީފުކަމުގައި އިލްމުވެރިން ދެކެލައްވައެވެ. މިދެންނެވި އިމާމު އިޖްތިހާދުގެ ތަޢުރީފުގައި ވިދާޅުވެފައިވެއެވެ. اِسْتِفْرَاغُ الْجُهْدِ فِي دَرْكِ الأَحْكَامِ الشَّرْعِيَّة [3] މާނައީ؛ ޝަރުޢީ ޙުކުމްތައް ދެނެގަތުމަށްޓަކައި ގަދައަޅައި ބުރަމަސައްކަތް ކުރުމެވެ. އަދި "ޝައްކުތަކުން ސަލާމަތްވެ ޡައްނު ޣާލިބު ނުވަތަ ޔަޤީންގެ ދަރަޖައަށް ވާޞިލުވުމަށް ގަދައަޅާ ކުރާ މަސައްކަތަށް ކިޔާނަމެކެވެ."[4]
ވީއެންމެ ބޮޑަކަށް ވިސްނުމާއި ބުރައާއި މަސައްކަތް ޝަރުޢީ ޙުކުމްދެނެގަތުމުގައި ހުސްކޮށްލުމެވެ.
އިޖްތިހާދުގެ ޙަޤީޤަތަކީ ފުންކޮށް ވިސްނައި ޢިބްރަތުގެ ނަޒަރަކުން ބަލައި ފިކުރުހިންގުމެވެ. އަދި ބުރަމަސައްކަތާއި، ގަދަ ހިއްމަތާއެކު ހޯދޭކަންކަން ޙާޞިލުކުރުމަށް އިންސާނާގެ ކުޅަދާނަކަން ލިބިގެންވާ އެންމެ ފުޅާދާއިރާއެއްގައި އެކަމުގެ ނިހާޔަތަށް ދިއުމެވެ.
ބައިޟާވީގެ ތަޢުރީފު އެންމެ ރަނގަޅުވި ސަބަބުތައް
1. ބައިޟާވީ ގެ ތަޢުރީފުގައި ގަދައަޅާ މަސައްކަތްކުރުން ނުވަތަ ވީއެންމެ ބޮޑަކަށް ވިސްނުމާއި ބުރަމަސައްކަތް ގަދައަޅާ ކުރެވޭ މަސައްކަތަކަށް ހުސްކޮށްލުން ހަމައެކަނި މުޖްތަހިދުންނަކަށް އަދި ފިޤުހުވެރިންނަކަށް ޚާއްޞަކުރައްވާފައި ނުވުން.
2. މުޖްތަހިދުން ޝަރުޢީ ހުކުމްތަކުގެ ޢިލްމު ޙާޞިލުކުރުމުގައި ގަދައަޅާ މަސައްކަތްކުރުމަށް ނުވަތަ ޡަންނީ ޙުކުމްތައް ދެނެގަތުމުގައި ހިތްމަތްކުރުމަށް ޚާއްޞަކޮށްފައިނެތުން
3. އިޖްތިހާދުކޮށްގެން ހޯދަންނުޖެހޭފަދަ ބުއްދީގެ ޙުކުމްތަކާއި ޙިއްސީ އަދި ޢުރުފީ ޙުކުމްތައްވެސް އެތަޢުރީފުން އެއްކިބައިކުރެއްވުން
4. އެތަޢުރީފުގައި ފަރުދީގޮތުން ކުރެވޭ އިޖްތިހާދާއި ޖަމާޢީގޮތުން ކުރެވޭ އިޖްތިހާދު ޝާމިލްވުން
އިޖްތިހާދުގެ ދާއިރާ
އިޖްތިހާދު ކުރެވޭނީ ޝަރުޢީ ނައްޞެއްނެތް ކަންކަމުގައެވެ. އަދި އެކަމެއްގައި އިޖްމާޢުވެފައިވެސް ނުވާކަންކަމުގައެވެ. ހަމައެހެންމެ އިޖްތިހާދުކުރުމަށްޓަކައި ބަލައިވިސްނައި ދިރާސާކޮށް ބުރުއުފުލުން ޤަބޫލުކުރެވޭފަދަ (އެކަށީގެންވާފަދަ) ދާއިރާއެއްގެ ކަމެއްގައެވެ. ވުމާއެކު ތަވްޙީދުގެ މައްސަލަތަކުގައި އިޖްތިހާދުކުރުމެއް ނުވެއެވެ. އެހެނީ އިޖްތިހާދުކުރުމާއި، ޤިޔާސްކުރުންފަދަ ކަންކަމަކީ ޢަމަލީޙުކުމްތަކާ ގުޅިފައިވާ މައްސަލަތަކަށް ޚާއްޞަކަންތައްތަކެވެ. އަދި ޢަމަލު އޭގެ މައްޗަށް ބިނާނުވާކަންކަމާއި، އާދަޔާޚިލާފު ބޮޑެތި ޣަރާއިބުކަންކަމުގައިވެސް އިޖްތިހާދުކުރުމަކީ މަކުރޫހުކަމެކެވެ.
މުޖްތަހިދުންނާ އެމީހުންގެ މަޤާމް
މުޖްތަހިދުންނަކީ ޝަރުޢީ ޙުކުމް ޙާޞިލްކުރުމަށްޓަކައި ވީއެންމެ ފުޅާދާއިރާއެއްގައި (ނަޒަރުހިންގައި ވިސްނައި ފިކުރުކޮށް ދިރާސާކުރުމުގެ ބުރައުފުލައި) ގަދައަޅަައި މަސައްކަތްކުރާ ފިޤުހުވެރިޔާއެވެ. [5]
އަލްއިމާމުއްޝާޠިބީ މުޖްތަހިދު ޢިލްމުވެރިންގެ މަޤާމާމެދު ޝަރީޢަތުގައި އެބޭކަލުންގެ ދަރަޖަ ބަޔާންކުރައްވައި ވަރަށް ފުރިހަމަ ބަސްކޮޅެއް ހަދިޔާކުރައްވާފައެވެ. "ޖުމުލަ ކަންތައްތަކަށް ބަލާއިރު، އޭނާ (އެބަހީ މުޖްތަހިދު ޢިލްމުވެރިޔާ) އުއްމަތުގައި ވަނީ ނަބީބޭކަލުންގެ މަޤާމުގައެވެ. އެކަންތައްތަކަކީ ޢާއްމުކޮށް ޝަރީޢަތުގެ ޢިލްމު އެބޭކަލުންނަށް ވާރުތަވުމާއި، އެޝަރީޢަތް މީސްތަކުންނަށް ފޯރުކޮށްދީ ތަބްލީޣުކުރެއްވުމާއި، ޖާހިލުންނަށް އެ ޝަރީޢަތް އުނގަންނައި ދިނުމާއި، އިންޛާރުކުރަންޖެހޭ ޙާލަތާއި ތަންތާނގައި އިންޛާރުކުރެއްވުމާއި، އިސްތިންބާޠުކޮށްގެން ޙުކުމްދެނެގަންނަން ޖެހޭތަންތާނގައި ޙުކުމްތައް އިސްތިންބާޠުކުރުމުގައި ގަދައަޅާ މަސައްކަތްކުރުން ހިމެނެއެވެ. މިކަންކަމަށް ދަލީލުދަންނައެވެ.
1. ނަޤުލީދަލީ: ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. ހަމަކަށަވަރުން (އެ) ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ނަބީބޭކަލުން ދީނާރެއް އަދި ދިރުހަމެއް ވާރުތަނުކުރައްވަތެވެ. އެހެންނަމަވެސް އެބޭކަލުން ވާރުތަ ކުރެއްވީ ޢިލްމެވެ.[6] މިތާނގައި ޢިލްމުވެރިން އެވަނީ ޚާއްޞަޞިފައެއްގެ ގޮތުގައި ގެންނަވާފައެވެ. އަދި ސޫރަތުއް ތައުބާގެ 122 ވަނައާޔަތަކީ ވެސް މިކަމަށްއޮތް ވަރަށް ފުރިހަމަ ނަޤުލީދަލީލެކެވެ.
2. ޢަޤުލީދަލީލު: ކޮންމެ ދަންނަބޭކަލަކީ ﷲ ގެ ޙުކުމްފުޅުތައް ތަބްލީޣުކުރުމުގައި ކީރިތި ރަސޫލާގެ ނާއިބެކެވެ. އެކަލޭގެފާނު ދަންނަ މީހުންނަށް އިރުޝާދުދެއްވާފައިވަނީ، ދަންނާށެވެ! ތިޔަބައިމީހުންގެ ތެރެއިން ޙާޟިރުވެތިބި މީހުން މިތާނގައި ނެތްމީހުންނަށް ފޯރުކޮށްދޭށެވެ![7] އަދިވެސް އިރުޝާދުދެއްވައެވެ. ތިމަންކަލޭގެފާނުގެ ކިބައިން އެއްމެ އާޔަތެއްގެ މިންވަރު ނަމަވެސް ތިޔަބައިމީހުން ފޯރުކޮށްދޭށެވެ.[8] ކަންމިހެން ހުރުމުން މުޖްތަހިދުންއެވަނީ ނަބީންގެ ނާއިބުންގެ މަޤާމުގައެވެ.
3. ޝަރުޢުގެ ޙުކުމް ފާޅުކޮށް، ޝަރުޢުގެ ޙުކުމް ނައްޞުތަކުން އިޞްޠިންބާޠުކުރާމީހާކަމުގައިވުމާއެކު، އެބައިމީހުންނަކީ އުލުލް އަމުރުން ކަމުގައި އަންގަވައި އެބައިމީހުންނަށް ކިޔަމަންވުމަށް އަންގަވާފައިވުން "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ކިޔަމަންތެރިވާށެވެ! އަދި ރަސޫލާއަށް ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އުލުލްއަމުރުންނަށްވެސް މެއެވެ." ސޫރަތުއްނިސާ 59 ގެ މާނައިން
މުޖްތަހިދުންގެ ޝަރުޠުތައް
މިމަތިވެރި މަޤާމާއި ޝަރަފަށް ބަލާއިރު މުޖްތަހިދުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ދެނެގަތުން ލާޒިމުކުރެއެވެ. އެބޭކަލުންނަށް އެ މަތިވެރިކަމާއި، މަޤާމް ލިބިގެންދިޔަ އާދެ! އެއީ ޤުރްއާނާއި ސުންނަތުން ޝަރުޢީ ހުކުމްތައް އިސްތިންބާޠުކުރުމެވެ. އަދި އެބޭކަލުންނަންގަވާ ޙުކުމަކީ އެއަށް ތަބާވާންޖެހޭ ޝާރިޢު ތަޞްދީޤުކުރެއްވި ޙުކުމެއްކަމުގައި ވުމެވެ. މިފަދަ މަތިވެރިކަން ލިއްބައިދިން ޞިފަތައް ދެނެގަތުން އެދެވިގެންވެއެވެ.
1. ޤުރްއާނުގައި ބަޔާންވެފައި "އަޙުކާމުލްއާޔަތާތި" ބަހުގެ ގޮތުންނާއި ޝަރުޢީގޮތުން އެގިފައިވުން. ޙުކުމްތައް ބަޔާންކުރާ އާޔަތްތައް ހިތުންދަސްވުން ޝަރުޠެއްނޫނެވެ. މުޅިޤުރްއާންވެސް ހަމައެފަދައެވެ. ނަމަވެސް ޝަރުޢީޙުކުމެއް ބަޔާންކުރާ ކޮންމެ އާޔަތް ޤުރްއާނުގައި އޮތްތައް އެނގުން ލާޒިމުކުރެއެވެ. ބޭނުންޖެހޭ ހިނދު އެއަށް ރުޖޫޢަވުމަށްޓަކައެވެ. ބައެއް ޢިލްމުވެރިން [9]އަޙުކާމުލް އާޔާތި (ޝަރުޢީޙުކުމްތައް ބަޔާންކުރާއާޔަތްތައް)ގެ އަދަދު 500 ކަމުގައި ބަޔާންކުރަށްވައެވެ. ފަހަރުގައި އެބޭފުޅުންގެ ޤަޞްދަކީ ފުރަތަމަ ނަޒަރުން ޙުކުމްތައް ފެންނަ އާޔަތްތަކުގެ އަދަދު ހިމެނުމެވެ.
2. ޙުކުމްތައް ބަޔާންކުރާ ޙަދީޘްތައް ބަހުގެ ގޮތުންނާއި ޝަރުޢީގޮތުން އެނގިފައިވުން. އެޙަދީޘްތައް ހިތުދަސްވުން ލާޒިމެއްނޫނެވެ.ނަމަވެސް ބޭނުންޖެހޭ ހިނދު އެއަށް ރުޖޫޢަވުމަށްޓަކައި އެފަދަ ކޮންމެ ޙަދީޘެއް އޮތްތައް (މަރުޖިޢު) އެގުން ލާޒިމުވާނެވެ. އަލްމާވަރުދީ ވިދާޅުވާގޮތުގައި ނަމައެއީ 500 ޙަދީޘެވެ. އަދި އިބްނުލް ޢަރަބީ ވިދާޅުވާގޮތުގައި އެއީ 3000 ޙަދީޘެވެ. އަލްއިމާމު އަޙުމަދުގެ އަރިހުން އައިސްފައިވެއެވެ. ހަމަކަށަވަރުން ޢިލުމު އޭގެމައްޗަށް ދައުރުވާ އުޞޫލުތައް ލާޒިމުވެގެންވަނީ 1200 އަށްކަމުގައި ވުމަށެވެ." ނަމަވެސް މިހުރީ މިންވަރުތަކަކީވެސް އެހާ ފުރިހަމަ އަދަދުތަކަކަށް ނުވުމާއެކު ސުންނަތުގެ ފޮތްތަކުގައި ފެތުރިފައިވާ ޙުކުމްގެ އާޔަތްތައް ލިބޭނެތަންތައް މުޖްތަހިދަށް އެނގުންހުއްޓެވެ. ޙަދީޘްގެ ސަނަދާއި ރާވީންގެ ޙާލަތާއި އެނގުންވެސް މިކަމުގައި ލާޒިމުކުރެއެވެ.
3. ޤުރްއާނާއި ސުންނަތުގައިވާ އައްނާސިޚް އަދި އަލްމަންސޫޚްއެނގުން.`
4. އިޖްމާޢާ ޚިލާފަށް ފަތުވާއެއް ދެވިދާނެކަމަށްޓަކައި އިޖްމާޢުވެފައިވާ މައްސަލަތައް އެނގުން
5. ޤިޔާސްކުރެވޭގޮތްތަކާއި އެކަމުގައި އިތުބާރުކުރެވޭ ޝަރުޠުތައް
6. ޢަރަބި ބަހުގެ ޢިލްމުތައް އެނގުން. އޭގެ ތެރޭގައި ނަޙޫ، ޞަރުފު، ޢިލްމުލް ބަޔާން، އުޞްލޫބުތައް ފަދަ ޢިލްމުތައް ހިމެނެއެވެ.
7. އުޞޫލުލްފިޤުހު އެނގުން
8. ޙުކުމްތައް ނެގުމުގައި ޝަރީޢަތުގެ މަޤުޞަދުތައް ރަނގަޅަށް އެނގުން
އިސްވެ ދިޔައީ މުޖުތަހިދެއްގެ ކިބައިގައި ފުރިހަމަވާންޖެހޭ އެންމެ މުހިއްމު ޝަރުޠުތަކެެވެ.
އިޖްތިހާދުކުރެވޭ ބައެއްގޮތްތައް
1- ދިމާވެފައިވާ މައްސަލައިގެނ ޙުކުމް ޝަރުޢީ ނައްޞުތަކުން ހޯދުން
2- ޤިޔާސްކޮށްގެން ކުރިމަތިވެފައިވަ މައްސަލައިގެން ޝަރުޢީޙުކުމް ހޯދުން
3- ދިމާވި މައްސަލައަކީ ޤުރްއާނުގެ ދަލީލުތަކުގެ މައްޗަށް ބިނާކޮށް ހޯދިފައިވާ ޤާއިދާތަކުން ޤާއިދާއަށް ފެތޭއެއްޗެއްތޯ ބަލައި އެޤާއިދާގައިވާގޮތުގެ މަތިން އެކަމުގެ ޙުކުމް ކަނޑައެޅުން
ރަސޫލާކުރެއްވި ބައެއް އިޖްތިހާދު
ރަސޫލާ އިޖްތިހާދުކުރެއްވި ބައެއް މިސާލުދަންނައެވެ. ބަދުރުހަނގުރާމައިގެ އަސީރުންގެ މައްސަލައާއި އެހަނގުރާމައިގައި މަޑުކުރައްވާނެތަންކަނޑައެޅުއްވުމުގައި މަޝްވަރާކޮށް ގޮތްނިންމުން ފަދަ ކަންކަން މިގޮތުން ޢިލްމުވެރިން ފާހަގަކުރައްވާފައި ވެއެވެ.
މުޖްތަހިދުންގެ ދަރަޖަތައް
1- މުޠުލަޤު މުޖްތަހިދު / މުސްތަޤިއްލު މުޖްތަހިދު. މިއީ އުޞޫލާއި ފުރޫޢުގައި އެއްވެސް މީހަކަށް ތަޤުލީދު ކުރުމެއްނެތި އިސްޠިބާތުކުރުމުގެ ޤަވާއިދާ އުޞޫލުތަށް ބިނާކުރުމުގެ ކުޅަދާނަކަމާއި އަދި ހަތަރުދަލީލުތަކުން ފަރުޢީޙުކުމްތައް އިސްތިންބާޠުކުރުމުގެ ކުޅަދާނަކަށް ލިބިފައިވާ މީހުންނެވެ.
2- އަލްމުޖްތަހިދުލް މުންތަސިބު
ތަޤުލީދުކުރުން
އަލްޣަޒާލީ ތަޤުލީދުގެ މާނަކުރައްވާފައިވަނީ އެއީ ބަހެއް ނުވަތަ ފަތުވާއެއް ދަލީލެއްނެތި ޤަބޫލުކުރުން ކަމުގައެވެ. އަދި އާމިދީ ވިދާޅުވެއެވެ. ތަޤުލީދަކީ އެހެންމީހަކު ބުނި ބަހަކަށް ޢަމަލުކުރުން ލާޒިމުކުރާނެ ދަލީލެއްނެތި އެއަށް ޢަމަލުކުރުމަކީ ތަޤުލީދުކުރުމެވެ. އަދި ޖާހިލުކަމަކާއި ނުލައި އެ ހެންމީހެއްގެ ފަތުވާއަށް ޢަމަލުކުރުންވެސް ތަޤުލީދުކުރުމަކީވެސް ވެސް ތަޤުލީދުކުރުމެވެ.
ޙުކުމް
އިޖްތިހާދުގެ ދަރަޖައަށް ނުދާ ޢާއްމު މީހަކު ނުވަތަ އިޖްތިހާދުގެ ފުރިހަމަ ދަރަޖައަށް ނުދިޔައަސް އެކަމުގައި އިތުބާރުކުރެވޭ ޢިލްމު ލިބިފައިވުމުން ޢާއްމު މީހެއްގެ ދަރަޖައިން އުފުލިފައިވާ މީހަކު ޢަމަލީ ޙުކުމްތަކުގައި ތަޤުލީދު ކުރުމުގެ ޙުކުމާމެދު އުޞޫލު ޢިލްމުވެރިން އިޚްތިލާފުވެ، ތިން ރައުޔަކަށް ބެހިފައިވެއެވެ.
1. ތަޤުލީދުކުރުން ވާޖިބުވުން. ހިޖްރައިން ހަތަރުވަނަ ޤަރުނުގެ މެދުތެރޭގެ ދުވަސްތަކަށްފަހު އިޖްތިހާދުކުރުން ޞައްޙަވެގެން ނުވެއެވެ. މިއީ ފާސިދު ޤަވްލެކެވެ. އެއީ އިޖްތިހާދުކުރުމަކީ ވަކިޒަމާނަމަކަށް ވަކިބަޔަކަށް އޮތްކަމެއް ނޫނެވެ. އެގޮތަށް ޖާމިދުކޮށްފިކަމުގައިވާނަމަ އިސްލާމްދީނުގެ ބައިނަލް އަޤުވާމީ އަދި ކޮންމެ ބަޔަކަށް ކޮންމެ ތަނަކަށް ގުޅޭ ޝަރީޢަތަކަށް އިސްލާމްވުމުގެ ސިފަނިގުޅައިގަނެވިގެންދެއެވެ.
2. އެއްވެސް ޢިލްމެއްނެތް ޢާއްމު މީހާއާއި އެނޫންމީހުން ފަރަގުވުން. އެއްވެސް ޢިލްމެއް ނެތްމީހާގެ މައްޗަށް ތަޤުލީދުކުރުން ލާޒިމުވެގެންވެއެވެ. އޭނާއަށް ހުށަހެޅޭ ކޮންމެކަމެއްގައި އޭނާސުވާލުކުރަންވާނެއެވެ. އެނޫންމީހުން ޝަރުޢީ މަޞްދަރުތަކުން ޙުކުމް އިސްތިންބާޠުކުރުމަށް ކުޅަދާނަވީކަމެއްގައި އިޖްތިހާދުކުރާށެވެ. އަދި ޝަރުޢީ މަޞްދަރުތަކުން ދަލީލުނަގައި އިސްތިންބާޠުނުކުރުމުގެ ކުޅަދާނަކަން ނެތް ކަންކަމުގައި ތަޤުލީދުގައި ހިފަހައްޓާށެވެ. ޝަރީޢަތުގެ ތާރީޚުގައި ދިރާސާކުރައްވާ މުޙައްޤިޤު ގިނަޢިލްމުވެރިން މިގޮތް ރާޖިޙުކުރައްވައެވެ. އެއީ މިއަންނަ ދަލީލުތަކަށްޓަކައެވެ.
· فَاسْئَلُوْا أَهْلَ الذِّكْرِ إِنْ كُنْتُمْ لاَ تَعْلَمُوْن މާނައީ، ފަހެ، ތިޔަބައިމީހުންނަށް ނޭގޭނަމަ ތިޔަބައިމީހުން ޢިލްމުގެ އަހުލުވެރިންނާއި ސުވާލުކުރާށެވެ. މިކަމުން ދަލީލުކުރަނީ މީސްތަކުންގެ ޢިލްމުގައި ތަފާތުވެގެން ވުމަށެވެ. ވުމާއެކު ނޭގޭމީހުން އެނގޭމީހުންގެ ކިބައިން އޮޅުންފިލުވުމަށް ޝަރުޢުގައިމިވަނީ އަމުރުކުރައްވާފައެވެ.
· ޞަޙާބީންނާއި ތާބިޢީންގެ މަންހަޖަށް ބަލާއިރު އެބޭކަލުންގެ ތެރޭގައި ތިއްބެވި އިޖްތިހާދު ނުކުރެވޭފަދަ ބޭފުޅުން އިޖްތިހާދުކުރެވޭފަދަ ބޭފުޅުންނާ ސުވާލުކުރައްވައިގެން ޢަމަލުކުރެއްވިއެވެ.
· އިޖްތިހާދުކުރުމަކީ އެންމެންނަށް ކުޅަދާނަކަމަކަށްނުވެއެވެ.
3. ވަކިމަޛްހަބަކަށް ތަޤުލީދުކުރުން މުހިއްމުހެއްޔެވެ؟ ހަތަރު މުޖްތަހިދުޢިލްމުވެރިންގެ މަޛްހަބު މަޝްހޫރުވެ ފާޅުވެފައިވެއެވެ. އެއީ ޙަނަފީމަޛުހަބާއި، މާލިކީ މަޛުހަބާއި، ޝާފިޢީމަޛްހަބާއި އަދި ޙަންބަލީ މަޛްހަބެވެ. އިޖްތިހާދު ކޮށްގެން ޙުކުމްތައް ދެނެގަތުމުގެ ކުޅަދާނަކަން ނެތް ކޮންމެ މީހަކު ތަޤުލީދުކުރުން ލާޒިމުވެގެންވެއެވެ. ނަމަވެސް ކަނޑައެޅިގެން ވަކިގޮތެއް މަޛްހަބެއްގައި ހިފުން ލާޒިމެއްނޫނެވެ. އަދި ކީއްތޯއެވެ. މުޖްތަހިދުންގެ ކޮންމެ ޢިލްމުވެރިޔެއްގެ ރައުޔަށް ތަބާވެ އެރައުޔަށް ތަޤުލީދުކުރެވިދާނެވެ. ނުވަތަ ކޮންމެ މީހަކުވެސް އޭނާ ބޭނުންވާ މުޖްތަހިދަކަށް ތަޤުލީދު ކުރެވިދާނެވެ. މި ވިސްނުމަށް އަލްއާމިދީ އެއްބަސްވެފައިވެއެވެ. ވިދާޅުވަނީ "އެއްވެސް ސަލަފުވެރި ބޭކަލެއްގެ ފަރާތުން ޢާއްމުންނަށް ތަޤުލީދުކުރުން މަނާކުރެއްވި ވާހަކައެއް ނަޤުލުވެފައި ނެތެވެ. އެކަން ހިނގާފައިނިނަމަ ޞަޙާބީންނަށް އެކަމަށް އިހުމާލުކުރެއްވުމާއި ތަޤުލީދުކުރުން މަނާނުކުރައްވައި އަނުހުރުން ހުއްދަވެގެންނުވާނެވެ."
ނަމަވެސް ތަޤުލީދުކުރުމުގެ ގޮތުން މަޛްހަބުތަކުގައިވާ ފަސޭކަން ނަގައި އެކަމުގައި ހިފުން އެއްގޮތަކަށްވެސް ހުއްދަވެގެން ނުވެއެވެ. މިސާލަކަށް: ވުޟޫކުރުމުގައި ޝާފިޢީގެ ފާނަށް ތަޤުލީދުކޮށް ބޮލުން ބައެއްގައި (ނުވަތަ އެއްމެ އިސްތައްޓެއްގައި) ފެންފުހެފައި، އެއަށް އަޖްނަބީ އަންހެނެއްގެގައިގައި ހަންހުރަހަކާނުލައި ބީހުމުގައި އަބޫޙަނީފާއާއި މާލިކުގެފާނަށް ތަޤުލީދުކޮށް ވުޟޫނުގެއްލޭނެކަމަށްދެކި އެޙާލަތު މެދުވެރިވުމުންވެސް މި ދެމަޛުހަބުގައިވާ ފަސޭހަކަމުގައި ހިފައި ވުޟޫނުކޮށް ނަމާދުކުރުން ހުއްދަނުވާނެވެ. އެހެނީ، ދިމާވެފައިވާ މައްސަލައިގެ ޙުކުމުގައި ކޮންމެ މަޛްހަބެއްގައިވާ ފަސޭހަކަމުގައި ހިފުމަކީ އިމާމުވެރިންގެ އަރިހުން އައިސްފައިވާ ގޮތެއްނޫނެވެ. އަލްއިމާމުއް ޝާޠިބީ ވިދާޅުވެފައިވެއެވެ. ހަމަކަށަވަރުންވެސް ޝަރީޢަތްއައީ މުކައްލަފުން އެބައިމީހުންގެ ހަވާނަފުސުގެ ނުކިިޔަމަންތެރިކަމުން ނެރެ ﷲގެ ކިޔަމަންތެރިކަމަށް ގެނައުމަށެވެ. ކޮންމެ މުކައްލަފަކު ބޭނުން މަޛުހަބެއްގެ ބޭނުން ބަޔެއްގައި އެއްކަމެއްގައި ހިފުމުގެ އިޚްތިޔާރު އޮތުމީ މިއަޞްލަށް ފުށޫއަރާނެކަމެކެވެ.
ސުވާލު:
1- އިޖްތިހާދުގެ ލަފްޒީ އަދި ޝަރުޢީ މާނަބަޔާންކުރޭ!
2- ތަޤުލީދުގެ ޝަރުޢީ އަދި ލަފްޒީމާނަ ބަޔާންކުރޭ!
3- ދިމާވި އެއްކަމަކަށް ޢަމަލުކުރުމުގައި ކޮންމެ މަޛްހަބެއްގައިވާ އެންމެ ފަސޭހަ ގޮތަށް ޢަމަލުކުރުމަކީ ކޮންކަހަލަކަމެއް؟ ދަލީލަކީކޮބާ؟
4- މުޖްތަހިދުންނަކީކޮބާ؟
5- މުޖްތަހިދުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކަކީކޮބާ؟
6-
[1] އިސްލާމީ ޝަރީޢަތާއި ފިޤުހުގެ ތާރީޚް ު
[2] އަންޢާމު 109
[3] އަލްއިމާމު ބައިޟާވީޚް
[4] އިސްލާމީޝަރީޢަތާއި ފިޤުހުގެ ތާރީޚ
[5] އަލްއިމާމުއް ޝައުކާނީ
[6] އަބޫދާއޫދު
[7] އަލްބުޚާރީ
[8] އަލްބުޚާރީ.
[9] އަލްޣަޒާލީ، އައްރާޒީ، އަލްބައިޟާވީ ފަދަ
No comments:
Post a Comment