އިސްލާމީ ޝަރީޢަތުގެ ހަތަރުވަނަ މަޞްދަރު "އަލްޤިޔާސް"
§ ޤިޔާސްގެ ތަޢުރީފް
އެ ޙާދިޘާެއެއްގެ (ނުވަތަ ކަމެއްގެ) ޙުއްކުމެއް ޝަރީޢަތުގައިނެތް ޙާދިޘާއެއް ޙުކުމެއް ވާރިދުވެފައިވާ ޙާދިޘާއަކާއި ދެމެދުގައި ހުރި އެއްގޮތްކަމެއްގެ ސަބަބުން ޙުކުމްނެއްޙާދިޘާއަށް ހުކުމްޘާބިތުވެފައިވާ ޙާދިޘާގެ ޙުކުމްކަނޑައެޅުމެވެ.
§ ޤިޔާސްކޮށްގެ ޙުކުމްކަޑައެޅިފައިވާ ބައެއް މިސާލް
(ހ) މަސްތުވާތަކެތި: ހިކި އަދި ދިޔާވިޔަސް މިޒަމާނުގައި މަސްތުވުމަށް ބޭނުންކުރާ ގިނަތަކެއްޗަކީ އެތަކެތި ބޭނުންކުރުމާއި ވިއްކުމުގެ ޙުކުމް ޝަރީޢަތުގެ ނައްޞަކުން އައިސްފައިނެތްކަންކަމެވެ. ނަމަވެސް ޝަރީޢަތުގައި ރަލުގެ ޙުކުމްއައިސްފައިވެއެވެ. ސޫރަތުލް މާއިދާގެ 90 ވަނައާޔަތުގައި ރަލާދުރުހެލިވުމަށް ވަނީއަންގަވާފައެވެ. ވުމާއެކު ބަނގުރާ ބުއިމުގެ ޙުކުމަކީ ޙަރާމްވުމެވެ. ރާބުއިމުން މަސްތުވެއެވެ. ބުއްދިފިލައިދެއެވެ. ބޮޑެތި ގެއްލުން ލިބެއެވެ. މިޒަމާނުގައި ބޭނުންކުރާ ތަފާތު މަސްތުވާތަކެއްޗަކީވެސް އެބޭނުންކުރާ މީހަކަށް ގެއްލުންދޭ ތަކެއްޗެވެ. އަދި އެތަކީގެ ސަބަބުން ބުއްދިފިލައިދެއެވެ. މިއެއްގޮތް ކަމަށްޓަކައި ބަނގުރަލަށް ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމް (ޙަރާމްވުން) މަސްތުވާކޮންމެ އެއްޗެއް އެކަމަށް ބޭނުންކުރުން ޙަރާމްކަމުގައި ޤިޔާސްގެ އުޞޫލުން ކަޑައަޅުއްވާފައިވެއެވެ.
(ށ) ވަޞިއްޔަތްކުުރި މީހާމަރާލި މީހާއަށް ވަޞިއްޔަތުގެ ބައި ޙައްޤުވުމާއި ނުވުން: މިކަމަކަށް ޝަރުޢީ ނައްޞެއް ވާރިދުވެގެންނުވެއެވެ. ނަމަވެސް ވާރުތަވެރިޔާ ޤަތުލުކުރާމީހާ ވާރުތަމުދަލުން މަޙުރޫމުވުމަކީ ނައްޞުން ޘާބިތު ކަމެކެވެ. މި ޙުކުމް ބިނާކުރެވިފައިވާ ޝަރުޢީދަލީލަކީ ކީރިތި ރަސޫލާ (ޞ) މިޙަދީޘްފުޅެވެ. لاَيَرِثُ الْقَاتِلُ މާނައީ؛ (ވާރުތަވެރިޔާ) ޤަތުލުކުރާ މީހަކަށް ވާރުތައެއް ނުވާނެވެ. މިއެވެ. ވާރުތަމުދައު ހޯދުމަށް އަވަސް ކުރުމުގެ ގޮތުން ވާރުތަވެރިޔާ މަރާލައިފިނަމަ ވާރުތަމުދަލުން މަޙުރޫމްވާފަދައިން ވަޞިއްޔަތުގެ ފައިސާހޯދުމަށް ވަސިއްޔަތް ކުރިފަރާތް މަރައިފިނަމަ އެކަމުގައި ބައިވެރިވެއްޖެނަމަވެސް ހަމަ މިޙުކުމްކަނޑައެޅިފައިވެއެވެ.
(ނ) ހުކުރުދުވަހުގެ ބަންގިއަށްފަހު ހުކުރުނަމާދު ނިމެންދެން މަސައްކަތް ޙަރާމްވުން: މިއީ ހުކުމެއް އައިސްފައިނެތް ކަމެކެވެ. ނަމަވެސް މިދެންނެވި ވަގުތުގައި ވިޔަފާރިކުރުން ޙަރާމްވުމަކީ ނައްޞުން ސާބިތުވެފައިވާކަމެކެވެ. އެއީ ސޫރަތުލް ޖުމްޢާގެ 9 ވަނަ އާޔަތެވެ. މާނައިގައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވާލެވިއްޖެއްޔާ ތިޔަބައިމީހުން ﷲގެ ޛިކުރަށް (ޚުޠުބާއަޑުއެހުމަށް، ޛިކުރުކުރުމަށް) އަވަސްވެގަންނާށެވެ! އަދި ތިޔަބައިމީހުން ވިޔަފާރިކުރުން ދޫކޮށްލާށެވެ!" މިއީ އެކަމުގައި މަޝްޣޫލުވެ ނަމާދުމަތިން ހަދާންނެތި ޣާފިލުވެގެން ހިނގައިދާނެތީއެވެ. މިއީ ހަމަކޮންމެ ދުންޔަވީ މުޢާމަލާތަކުންވެސް މެދުވެރިވެދާނެ ސަބަބެކެވެ. މިހެންކަމުން ވިޔާފާރިއާ އެހެން މުޢާމަލާތްތަކުގެ ދެމެދުގައި މިހުރި އެއްގޮތް ކަމަށްޓަކައި ކުލީގެ މުޢާމަލާތްކުރުމާއި، ރަހުނުގެ މުޢާމަލާތްކުރުމާއި، ޕިކްނިކްދަތުރު ދިއުމާއި މިފަދަކަންތައް އެވަގުތުގައި ވިޔަފާރިކުރުމާ ގުޅުވައި ޙަރާމްކުރެވެއެވެ.
§ އިޖްމާޢުގެ ޙުއްޖިއްޔަތު
ޖުމްހޫރު ޢިލްމުވެރިން ދެކޭގޮތުގައި ޤިޔާސަކީ ޢަމަލީ ޙުކުމްތަކުގެ މައްޗަށް އޮތް ޝަރުޢީ ހުއްޖަތެކެވެ. އަދި މިއީ ޝަރުޢީ ހުތްޖަތްތަކުގެ ތަރުތީބުން ހަތަރުވަނަ ދަރަޖައިގައިވަނީ ޤިޔާސެވެ. ޤިޔާސުން ހުކުމް ނަގާނީ ދިމާވި ކަމަށް، ނުވަތަ ހިނގި ޙާދިސާގެ ޙުކުމަށް ނައްޞެއްނެތި އިޖްމާޢުންވެސް އެކަމަށް ގޮތެއް އައިސްފައިނެތްނަމައެވެ. އެހެންނަމަވެސް ނައްޞެއް އޮތް ޙާދިޘާއަކާއި އެއްގޮތް ސަބަބު ހުރެ މި ދެ ޙާދިސާގެ ދެމެދުގައި އެއްގޮތްވުމުންނެވެ. ދެންފަހެ، އެހައިރުން ނައްޞުއޮތް ޙާދިޘާގެ ޙުކުމް ނައްޞުނެތް ޙާދިޘާއަށްވެސް ކަނޑައަޅައި އެއީ އޭގެޙުކުމް ކަމުގައި ޤިޔާސްކޮަށް ނިންމާނީއެވެ. އޭރުން ޤިޔާސުން މި ނިންމުނު ޙުކުމަކީ އެ ޙާދިސާގެ ޝަރުޢީ ޙުކުމެވެ. ޡާހިރީ މަޛްހަބުގެ އިލްމުވެރިންގެ ގާތުގައި ޤިޔާސަކީ ޙުއްޖަތެއްނޫނެވެ.
§ ޤިޔާސަކީ ހުއްޖަތެއްކަމަށް ބުނާ ޖުމުހޫރު ޢިލްމުވެރިންގެ ދަލީލުތައް
(ހ) ޤުރްއާނުގެ ދަލީލު: ސޫރަތުއް ނިސާއުގެ 59 ވަނައާޔަތް މާނައީ؛ އޭއީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ކިޔަމަންވާށެވެ. އަދި ރަސޫލާއަށާއި ތިޔަބައިމީހުންގެ ތެެެރެއިން އަމުރުވެރިންނަށްވެސް ކިޔަމަންވާށެވެ. ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ ﷲއަށާއި ރަސޫލާއަށް އެކަމެއް ހުށަހަޅާށެވެ. (އެބަހީ: ﷲއާއި އެކަލާނގެ ރަސާގެ ޙުކުމްއޮތްގޮތެއް ބަލައި އެގޮތަށް ޢަމަލުކުރާށެވެ!).... " މިއާޔަތުން ޤިޔާސަކީ ޙުއްޖަތެއްކަމަށް ދަލީލު ނެގިގޮތް ދަންނައެވެ. މިއާޔަތުގައި ކަމެއްގެ ޙުކުމެއް ﷲގެ ބަސްފުޅަކުން ނުވަތަ ޙަދީޘުން ނުވަތަ އުލުލް އަމުރުންގެ ބަހަކުން ލިބެންނެތި އެކަމާމެދު މީސްތަކުން ދެބަސްވެއްޖެނަމަ ﷲ ، މުއުމިނުންނަށް އަމުރުކުރައްވަނީ އެކަން ﷲއާއި އެކަލާނގެ ރަސޫލާއަށް ރައްދުކުރުމަށެވެ. ޤުރްއާނަށް ނުވަތަ ޙަދީޘަށް ރައްދުކޮށް ހުށަހެޅުމުގެ ތެރޭގައި އެދެ މަޞްދަރަށް ރުޖޫޢަކުރިކަމެއް ޤަބޫލުކުރެވޭ ކޮންމެ ގޮތެއް މީގައި ޝާމިލްވެގެންވެއެވެ. މިހެންކަމުން ނައްޞަކުން ޙުކުމް ލިބެންއޮތް ޙާދިޘާއާ، ނައްޞެއްނެއް ޙާދިޘާ (އެދެ ޙާދިޘާގެ ދެމެދުގައި ސަބަބު އެއްގޮތްވުމުން) ގުޅުވުންވެސް އޭގެ ތެރޭގައި ހިމެނިގެންވެއެވެ. ނައްޞެއްނެއް ކަމެއް ނުވަތަ ޙާދިޘާއެއް ނައްޞެއް އޮތްކަމަކާއި ނުވަތަ ޙާދިޘާއަކާ ގުޅުވައި ޙުކުމްކުރުމުގައިވެސް ވަނީ ﷲއާއި އެކަލާނގެ ރަސޫލާ ކުރައްވާފައިވާ ޙުކުމަށް ތަބާވުމެވެ.
(ށ) ސުންނަތުގެ ދަލީލު
މުޢާޛުބުން ޖަބަލު ޔަމަނުކަރައަށް ފޮނުއްވުމަށް ކީރިތި ރަސޫލާ އިރާދަކުރެއްވި ހިނދު ކީރިތި ރަސޫލާ މުޢާޛުގެފާނަށް ޙަދީޘްފުޅުކުރެއްވިއެވެ. "ތިބާގެ ގާތަށް ދަޢުވާއެއް (މައްސަލައެއް) ހުށަހެޅިއްޖެނަމަ އޭގެ ފައިސަލާކުރާނީ ކިހިނެއްތޯއެވެ؟ މުޢާޛުގެފާނު ދެންނެވިއެވެ. އަހަރެން ޙުކުމްކުރާނީ ޤުރްއާނުގައި އެކަމުގެ ޙުކުމްއައިސްފައިވާ ގޮތަށެވެ. ޤުރްއާނުގައި ނެތްނަމަ ރަސޫލާގެ ސުންނަތުގައި ވާގޮތަށް ޙުކުމް ކުރާނަމެވެ. ޤުރްއާނުގައި އަދި ސުންނަތުން އެކަމުގެ ޙުކުމް ނުލިބުނުނަމަ އަހަރެން އިޖްތިހާދުކޮށް އެކަން ނިންމާނީއެވެ. އެޖަވާބު އަޑުއައްސަވާފައި ކީރިތި ރަސޫލާ ޙަދީޘްފުޅުކުރެއްވިއެވެ. ﷲގެ ރަސޫލާގެފަރާތުން (ޔަމަނަށް ޙުކުމްކުރުމަށް) ފޮނުވާ ފަރާތަށް ﷲ ރުހިވޮޑިގެންވާ އަދި އެކަލާނގެ ރަސޫލާ ރުހިވަޑައިގަންނަވާ ކަންތައްތަކަށް ތަވްފީޤުދެއްވި ﷲއަށް ޙަމްދުކުރަމެވެ." މިޙަދީޘުން ޤިޔާސްގެ ޝަރުޢީ ޙުއްޖަތަށް ދަލީލު ނެގިގޮތް ދަންނައެވެ. އެއީ މުޢާޛުގެފާނު ޤުރްއާނާއި ސުންނަތުން ނައްޞެއް ނުލިބެއްޖެ ކަމުގައިވާނަމަ އިޖްތިހާދުކޮށްގެން މައްސަލައިގައި ގޮތެއް ނިއްމައި ޙުކުމްކުރާނީ ކަމުގައި މުޢާޛުގެފާނު ދެއްނެވިއެވެ. އެކަމަށް ކީރިތި ރަސޫލާ ރުހިވޮޑިގެންވާ ކަން ހާމަކޮށް ﷲއަށް ޙަމްދުވެސް ކުރިއެވެ. އިޖްތިހާދުކުރުމަކީ މައްސަލައެއްގެ ޙައްޤު ޙުކުމާ ހަމައަށް ވާޞިލުވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. މީގެ ތެރޭގައި ޤިޔާސްކުރުންވެސް ހިމެނިގެން ދެއެވެ. އެހެނީ ޤިޔާސަކީވެސް އިޖްތިހާދުގެ ވައްތަރެކެވެ. އަދި އިސްތިދުލާލުކުރެވޭ ގޮތެއްމެއެވެ.
(ނ) އަޞްޙާބުބޭކަލުން ޢަމަލުކުރެއްވި ގޮތް
އެބޭކަލުންގެ ޢަމަލުން ހާމަވެގެންދާގޮތުގައި ޤިޔާސަކީ ޝަރުޢީ ޙުއްޖަތެކެވެ. ނައްޞެއް، ޤުރްއާނާއި ސުންނަތުން ނެއް ކަންކަމުގައި އެބޭކަލުން އިޖްތިހާދުކުރައްވާފައިވެއެވެ. އަދި ނައްޞު އައިސްފައިވާ ކަންކަމާއި ނައްސުނެތް ކަންކަމުގެ ދެމެދުގައި ހުންނަ އެއްގޮތް ޢިއްލަތަކަށް ބައްލަވައި ނައްޞު އައިސްފައިވާ ކަމުގެ މައްޗަށް ޤިޔާސްކޮށް ނައްޞުނެތް ކަންތަކަށް ޙުކުމް ކަނޑައަޅުއްވާފައިވެއެވެ. މިގޮތުން އިސްލާމީ އުއްމަތުގެ ޚިލާފަތު ނަމާދުގެ އިމާމަތުގެ މައްޗަށް ޤިޔާސްކުރައްވައި އަބޫބަކުރުގެފާނު ޚަލީފާކަމަށް އިސްކުރައްވައި ބައިޢަތު ހިތްޕަވާފައިވެއެވެ. މިޤިޔާސްގައި އެބޭކަލުންގެ އަސާސީ ދަލީލަކީ ކީރިތި ރަސޫލާ (ޞ) އަހަރެމެންގެ ދީނީ ކަންތައްތަކުގެ އިމާމަކަށް އަބޫބަކުރުގެފާނަށް ރުހިވަޑައިގެންނެވި އިރު އަހަރެމެންގެ ދުނިޔަވީ ކަންތައްތަކުގެ އިމާމަކަށް އެކަލޭގެފާނުހުރުން ނުރުހެން ވީހެއްޔެވެ؟ އެބަހީ މިކަމަށް ރުހުން މާއައުލާކަން ބޮޑެވެ.
އިބްނުޤައްޔިމު ލިޔުއްވި އިޢުލާމުލް މުވައްޤިޢީންގައި ޤިޔާސްގެ މައްޗަށް ބިނާކޮށް ޞަޙާބާއިން ދެއްވާފައިވާ ވަރަށް ގިނަ ފަތުވާތަކުގެ މިސާލު ބަޔާންކުރައްވާފައިވެއެވެ.
(ރ) ބުއްދީގެ ދަލީލު
ﷲ ކޮންމެ ޙުކުމެއްވެސް ޝަރުޢުކުރައްވާފައިވަނީ އަޅުތަކުންގެ މަޞްލަޙަތަކަށްޓަކައެވެ. މާނަައަކީ، ޙުކުމްތައް ޝަރުޢުކުރެއްވުމުގެ މަޤުޞަދަކީ އަޅުތަކުންގެ މަޞްލަޙަތެވެ. ނައްޞެއް އެކަމަކާ ބެހޭގޮތުން އައިސްފައިނުވާ ޙާދިޘާއަކާ، އެކަމަކާ ގުޅޭގޮތުން ޝަރުޢީ ނައްޞެއް އައިސްފައިވާ ޙާދިސާ ގެ ޙުކުމްގެ ޢިއްލަތުގައި ހަމަހަމަވެއްޖެނަމަ ޢަދުލުވެރި އަދި ޙިކްމަތްތެރިގޮތަކީ، ޝަރީޢަތުގެ މަޤުޞަދުކަމުގައިވާ މަޞްލަޙަތު ފުރިހަމަކުރުމަށްޓަކައި، އެދެޙާދިސާ ޙުކުމުގައި ހަމަކުރުމެވެ. ބަނގުރާ ޙަރާބުއިމުން ބުއްދިފިލައި މަސްތުވާކަމަށްޓަކައި ބުއްދިރައްކާތެރި ކުރުމަށްޓަކައި ބަނގުރާ ޙަރާމްކޮށްފައި، މަސްތުވާ އެހެން އެއްޗެއް ހުއްދަކުރެއްވުމީ ﷲގެ ޢަދުލުވެރިކަމާއި އެކަލާގެ ޙިކުމަތްތެރިކަމާ ގުޅޭގޮތެއް ނޫނެވެ.
ޤިޔާސަށް އިދިކޮޅު ހަދާ މީހުންދައްކާ ހެއްކަކީ ޤިޔާސް ބިނާވެގެންވަނީ "ހީވާ ހީވުމެއް" ގެ މައްޗަށެވެ. އެއީ، އެ ނައްޞުން ލިބޭ ޙުކުމުގެ ޢިއްލަތަކީ މިވެނިކަމެއް ކަމުގައި ދެކޭ ދެކުމެވެ. ހީވާހީވުމެއްގެ މައްޗަށް ބިނާވާނީ ވެސް އެފަދަ ކަމެކެވެ. ﷲ ތަޢާލާ ހީވާހީވުމެއްގެ މައްޗަށް ކަންކަން ބިނާކުރުން ނަހީކުރައްވައެވެ. އިސްރާސޫރަތުގެ 36 އާޔަތުގައިވެއެވެ. وَلاَ تَقْفُ مَالَيْسَ لَكَ بِهِ عِلْمٌ މާނައީ؛ "އަދި ތިބާއަށް އެކަމަކާމެދު އެނގުމެއްނުވާ ކަމަކަށް، ތިބާ ތަބާނުވާށެވެ!" ފަހެ، ޤިޔާސްގެ ދަށުން ޙުކުމް ކުރުން ޞައްޙައެއް ނުވާނެއެވެ. އެއީ އެއީވެސް ހީވާ ހީވުމަކަށް ތަބާވުމެވެ.
މި ވިސްނުމަކީ ވަރަށް ބަލި ހީއެކެވެ. އެހެނީ، އެ އާޔަތުގައި މަނާކުރަނީ ޢަޤީދާގެ މައްސަލަތަކުގައި ހީވާ ހީވުމެއްގެ މައްޗަށް ތަބާވުމެވެ. މިއާޚިލާފަށް ޢަމަލީކަންކަމުގެ ޙުކުމްތަކުގައި ގިނައީ ޡަންނީ ދަލީލުތަކެވެ. ޔަޤީނީ ދަލީލެއްނޫނެވެ. މިމީހުންގެ ބުނާބަސް ރަނގަޅުވެއްޖެނަމަ ޡަންނީ ދަލީލަކަށް ޢަމަލެއް ނުކުރެވޭނެއެވެ. އެހެނީ އެއީ ހީވާ ހީވުމަށް ތަބާވުމެކެވެ. މިއީ ބާޠިލުވާހަކައެކެވެ. އެހެނީ، ގިނަ ނައްޞުތަކަކީ ޡަންނީ ދަލީލުތަކެވެ.
§ ޤިޔާސްގެ ރުކުންތައް
(ހ) އަލްއަޞްލު: އެއީ އެ ކަމަކާބެހޭގޮތުން ނައްޞެއް އައިސްފައިވާ ޙާދިސާއެވެ. ނުވަތަ ކަމެވެ.
(ށ) އަލްފަރުޢު: އެއީ އެ ކަމަކާބެހޭގޮތުން ނައްޞެއް އައިސްފައިވާ ނެތް ޙާދިސާއެވެ. ނުވަތަ ކަމެވެ.
(ނ) ޙުކުމުލް އަޞްލި: އެއީ، އަޞްލު ޙާދިޘާގެ ނައްޞުން ވާރިދުވެފައިވާ ޝަރުޢީ ޙުކުމެވެ.
(ރ) ޢިއްލަތު : އަޞްލު ޙާދިޘާގެ ޙުކުމްބިނާކުރީ ސިފައެވެ. ފަރުޢުގައި މި ޞިފަހުރުމުގެ ސަބަބުން އަޞްލުޙާދިޘާއާއި ފަރުޢީ ޙާދިސާ ޙުކުމުގައި އެއްގޮތް ކުރެވެއެވެ.
No comments:
Post a Comment