Saturday, January 15, 2011

އިޖުމާ


اجماع
ތަޢުރީފް :
أصول علم ވެރިންގެ إصطلاح ގައި اجماع އަކި ކީރިތި رسول zސުވަރުގެ ވަޑައިގަތުމަށްފަހު ހިނގި ކަމެއްގެ ނުވަތަ ޙާދިޘާއެއްގެ  شرعي حكم އާމެދު މުސްލިމުންގެ ހުރިހާ مجتهد علم  ވެރިން އެއްބަސްވާ އެއްބަސްވުމެވެ.
شرح:
ޙާދިޘާއެއް ހިގައި އެޙާދިޘާހިގި (ދުވަސްވަރު/ ޒަމާން)ގައި އިސްލާމީ އުއްމަތުގައި ތިއްބެވި ހުރިހާ مجتهد علم ވެރިންނަށް އެޙާދިޘާ ހުށައަޅައި އެބޭކަލުން ޙުކުމަކަށް އިއްތިފާޤު ވެއްޖެނަމަ އެއަށް اجماع އޭކިޔައެވެ. އަދި އެބޭކަލުން އެއްބަސްވާގޮތް އެއީ އެޙާދިޘާގެ ޝަރުޢީ ޙުކުމެކެވެ.
رسول صلى الله عليه وسلم ގެ ޙަޔާތްޕުޅުގައި ޝަރުޢީ މަރްޖިޢުއަކީ އެކަލޭގެފާނަކީ ހަމައެކަނި އެކަލޭގެފާނެވެ. އެހެންކަމުން މައްސަލައެއްގެ ޙުކުމަކާމެދު ދެބަސްވުމެއް އަދި އިއްތިފާޤުވުމެއް ތަޞައްވުރުވެސް ނުކުރެވޭނެއެވެ. އެއީ، ދެބަސްވުމާއި އިއްތިފާޤުވުން އަންނާނީ ގިނަބަޔެއްގެ ތެރޭން ކަމުގައިވާތީއެވެ.


اجماعގެ ރުކުންތައް:
1-                 އެކަމެއް ހިނގި ޒަމާނުގައި ގިނަޢަދަދެއްގެ مجتهد علم ވެރިން ތިއްބެވުން. ސަބަބަކީ ކަމެއްގެ މައްޗަށް އިއްތިފާޤުވުން ތަޞައްވަރު ކުރެވޭނީ ގިނަ ޢަދަދެއްގެ ޚިޔާލު ތަކުގެތެރެއިންނެވެ. ވުމާއެކު އެކަމެއް ހިނގިއިރު ގިނަ ޢަދަދެއްގެ مجتهدން ނެތްނަމަ ނުވަތަ އެއްވެސް  مجتهد އެއްނުވާނަމަ ނޫނި ހުރީ އެންމެ مجتهد علم ވެރިއެއްނަމަ شرعي اجماع އެއްނުވެވޭނެއެވެ. رسول صلى الله عليه وسلم ގެ ޒަމާނުގައި އިޖުމާޢުވުން ތަޞައްވުރުނުކުރެވޭ އެއްސަބަބަކީ މިއެވެ.
2-               އެކަމެއްހިނގިއިރު ތިބި މުސްލިމުންގެ ހުރިހާ مجتهد علم ވެރިން އެކަމުގެ ޙުކުމަށް އިއްތިފާޤުވުން. ވަކިރަށެއްގެ ނުވަތަ ޤައުމެއްގެ ނުވަތަ ޖަމާޢަތެއްގެ ނުވަތަ ދަރިފަސްކޮޅެއްގެ ނުވަތަ ޖިންސެެއްގެ ނުވަތަ މަޛްހަބެއްގެ މުޖްތަހިދު ޢިލްމުވެރިން އެއްބަސްވުމުން އެއީ އިޖުމާޢު އަކަށް ނުވާނެއެވެ. އެހެނީ شرعي اجماع އަކަށްވާނީ އެޒަމާނުގައި އުޅޭހުރިހާ مجتهد علم ވެރިންގެ ޢާއްމު އެއްބަސްވުމެއް އެޙުކުމަކަށް ލިބިގެންނެވެ. އަދި مجتهدންގެ ދަރަޖައަށް ނުދާ ޢިލްމުވެރިން އެއްބަސްވުމަކުން އެއީ އިޖުމާޢުއަކަށް ނުވާނެއެވެ.

3-               ކޮންމެ مجتهد علم ވެރިއަކު ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން އޭނާގެ ރައުޔު(ޚިޔާލާއި ވިސްނުން) ޞަރީޙަކޮށް ބަޔާންކުރުން.އެއީ އެމައްސަލައާގުޅޭގޮތުން ފަތުވާ ދިނުންކަމުގައިވިޔަސް ނޫނީ އެމައްސަލަ ދިމާވެެން އެ ޙުކުމަށް ޢަމަލުކުރުން ނޫނީ އެޙުކުމާއެއްގޮތަށް ޙުކުމްއިއްވާ ފައިސަލާކުރުމެވެ.
އެމައްސަލައެއް އުފެދުނުއިރު ތިބި ހުރިހާ مجتهد علم ވެރިންނަށް އެމައްސަލަ ހުށަހަޅައި އެމައްސަލައިގެ  ޙުކުމާމެދު ކޮންމެ مجتهد ޢިލްމުވެރިޔަކަށް ފެންނަގޮތް ވަކިން ވަކިން ބަޔާންކުުރުމުން، އެ އެޚިޔާލުތައް އެއްކުރާނީއެވެ. އެއްކުރި އިރު އެ ޢިލްމުވެރިން އެކަމުގެ އެއްޙުކުމަކަށް އިއްތިފާގު ވެފައިވީނަމަވެސް އެއީ އިޖުމާޢުއެކެވެ. ނުވަތަ އެކަން ހިނގިއިރު އިސްލާމީދުނިޔޭގައި ތިބި ހުރިހާ މުޖްތަހިދު ޢިލްމުވެރިން އެއްތަނަކަށް ޖަމާކޮށް އެމައްސަލަ އެމަޖިލީހަށް ހުށަހަޅައި އެބައިމީހުންނަށް ފެންނަގޮތް ބަޔާންކޮށް ޚިޔާލުބަދަލުކުރުމަށްފަހު، އެ މައްސަލައިގެ އެއްޙުކުމަކަށް އެ ބޭފުޅުން އެއްބަސްވުމެވެ. މިފަދަ ޙާލަތުގައިވެސް އެއީ  شرعي اجماع އެކެވެ.

4-               އެމައްސަލަ އުފެދުނުއިރު އުއްމަތުގައި ތިބި ހުރިހާ مجتهد علم ވެރިން އޭގެ ޙުކުމާމެދު ހުރިހާ  އިއްތިފާޤުވުން.
އެ ޢިލްމުވެރިންގެ ތެރެއިން ގިނަބަޔަކު އިއްތިފާޤު ވީނަމަވެސް އެމީހުންގެ އިއްތިފާޤަކީ ޝަރުޢީ އިޖުމާޢަކަށް ނުވާނެއެވެ. އެ ނިންމުމާ ޚިލާފުވީ مجتهد علم ވެރިންގެ ޢަދަދު ކިތައްމެ މަދުކަމުގައި ވިއަސްމެއެވެ. ސަބަބަކީ، مجتهد ޢިލްމުވެރިންގެ ބަޔަކު މައްސަލައެއްގައި ޚިޔާލުތަފާތުވެއްޖެނަމަ ކޮންމެވެސް އެއްބަޔަކު ދެކޭގޮތް ރަނގަޅުވެފައި އަނެއްބަޔަކު ދެކޭގޮތް ރަނގަޅު ނުވާނެ ކަމުގެ އިޙުތިމާލު އޮންނާނެތީއެވެ. މިހެންކަމުން ގިނަބަޔަކު  އިއްތިފާޤުން ނިންމާ ޙުކުމަކީ އެނިންމުން ތަންފީޒުކޮށް މީސްތަކުންނަށް ލާޒިމްކުރެވޭފަދަ شرعى ޙުއްޖަތުގެ ތެރެއިން  قطعى ޙުއްޖަތެއްނޫނެވެ.

اجماع އަކީ شرعي ދަލިލެއް :
އިސްވެދިޔަ ހަތަރު ރުކުން ފުރިހަމަވެފައިވާ ޙުކުމަކީ (އެބަހީ: رسول صلى الله عليه وسلم ސުވަރުގެ ވަޑައިގަތުމަށްފަހު ކޮންމެޒަމާނެއްގައި ހިނގި ކަމަކާ ބެހޭގޮތުން އެދުވަސްވަރުގެ މުސްލިމު ޢިލްމުވެރިންގެ ތެރޭގައި ތިއްބެވި ތަފާތު މަޛްހަބުތަކާއި، ޖަމާޢަތްތަކާއި، ޤައުމުތަކާއި ދަރިފަސްކޮޅުތަކުގެ ހުރިހައި مجتهد علم ވެރިންނަށް އެކަން ހުށައަޅައި އެބައިމީހުން އެއްތަނެއްގައި ތިބެގެން ނުވަތަ ވަކިން ތިބެ އެމައްސަލައިގައި ކޮންމެ مجتهد علم ވެރިޔަކު ދެކޭގޮތް ޞަރީހަ ބަހުން ނުވަތަ فعل ން ބަޔާންކޮށް އެއެންމެންގެ ޚިޔާލާ ވިސްނުން އެކަމުގެ ޙުކުމުގެ މައްޗަށްއެއްބަސްވުމެވެ.)  ޝަރުޢީ ޤާނޫނެކެވެ. އެއަށް ތަބާވުން ޝަރުޢީ ގޮތުން ލާޒިމްވާނެއެވެ. އެއާއި ޚިލާފުވުން ޖާއިޒު ވެގެން ނުވާނެއެވެ.

ހަމައެހެންމެ އޭގެފަހުގެ ޒަމާނެއްގައި އަންނަ مجتهد ޢިލްމުވެރިއަކަށް އެ ޙާދިޘާ އަކީ އިޖުތިހާދު ކުރަންޖެހޭ ކަމެއްކަމުގައި ބެލުމެއްވެސްނެތެވެ. އެހެނީ އެކަމުގެ ޙުކުމާ މެދު އެކަންހިނގި ޒަމާނުގެ مجتهد علم ވެރިން އިއްތިފާޤުން ނިންމެވި ނިންމުމަކީ قطعى ދަލީލެކެވެ. ޝަރުޢީ ޙުއްޖަތެކެވެ. އެއާ ޚިލާފުވުމުގެ ފުރުޞަތެއްނެތް އަދި އެޙުކުމް އުވާލުމުގެ ފުރުޞަތުވެސް ފަހުން އަންނަ މުޖްތަހިދުންނަކަށް ނޯންނާނެއެވެ.

އިޖުމާޢު އަކީ ޝަރުޢީ ޙުޖަތެއް ކަމުގެ ދަލީލު

1-                ޤުރުއާނުގައި ﷲ ތަޢާލާ މުއުމިނުންނަށް އެކަލާނގެއަށް ކިޔަމަންގަތުމަށާއި، އެކަލާނގެ ރަސޫލާއަށާ اولى الأمرންނަށް ކިޔަމަން ގަތުމަށް އަމުރު ކުރައްވައެވެ. يَا أَيُّها الذيْنَ آمَنُوا أَطِيْعُوْا للهَ وَأَطِيْعُوْا الرَّسُوْلَ وأُولى الأَمْرِ مِنْكُمْ (ނިސާ 59) މާނައީ؛ އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުން ރަސޫލާ (ޞ)އަށް ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން "އުލިލް އަމުރުން" ނަށްވެސްމެއެވެ. މިއާޔަތުގައި الأمر މިލަފްޒުގެ އަމުރެވެ. އޯޑަރެވެ. ކުރަންނުވަތަ ނުކުރަން އަންގާ އެންގުމެވެ. މީގެތެރޭގައި ދީނީ ކަންތައްތަކާއި ދުނިޔެވި ކަންކަން ހިމެނިގެންވެއެވެ.
ދުންޔަވީ އަމުރުގެ ވެރިންގެތެރޭގައި ރަސްރަސްކަލުންނާއި އަމީރުންނާއި ގަވަރުނަރުން ބައެއްމުފައްސިރުން ހިމަނުއްވާފައިވެއެވެ. އަދި ދީނީ ކަންކަމުގެ ވެރިންނަކީ مجتهد علم ވެރިންނަށް ފަތުވާދެއްވާ ބޭފުޅުންނެވެ. އިބުނު ޢައްބާސް އާއި އެނޫން މުފައްސިރުންވެސް މިއާޔަތުގައި اولى الأمرގެ މުރާދު مجتهد علم ވެރިން ކަމުގައި ވިދާޅުވެއެވެ. އަދި އެނޫން ބޭކަލުން އޭގެމުރާދަކީ އަމީރުންނާއި ވާލީންކަމުގައި ވިދާޅުވެފައިވެއެވެ.
ނަމަވެސް އާޔަތުގެ ބޭރުފުށުގެ ޢާއްމުމާނައަށް ބަލާއިރު أُولى الأَمْرِ ންގެ ތެރޭގައި އެފަރާތެއްގެ ބަހާއި އަމުރަށް ކިޔަމަންގަތުމަށް އަމުރުވެވޭ ކޮންމެ ފަރާތަށް ހިމެނޭކަމަށްވެސް އިހުގެ އަދި ފަހުގެ ބައެއް މުފައްސިރުން ބަޔާންކުރެއެވެ. މިގޮތުން، ޝަރީޢަތް ކަނޑައަޅުއްވާ مجتهد علمވެރިން ކަމަކަަށް އެއްބަސްވެ އިޖުމާޢުވެއްޖެނަމަ އެޙުމްތަަންފީޛުކުރުމާއި އެއަށް ތަބާވުން ވާޖިބުވާނޭކަމަށް ޤުރުއާނުގައި ބަޔާންކުރެއެވެ. وَلَوْ رَدُّوْهُ إِلَي الرَّسُوْلِ وَإِلَي أُولِي الأَمْرِ مِنْهُمْ لَعَلمِمَهُ الَّذِيْنَ يَسْتَنْبِطُوْنَهُ مِنْهُمْ  ( سورة النساء 83) މާނައީ "އަދި ، ރަސޫލާގެ އަރިހަށާއި އެބައިމީހުންގެ ތެރެއިން އަމުރުވެރިންގެ ގާތަށް އެކަމެއް ރައްދުކުޅަނަމަ، އޭގެތެރެއިން، އޭގެ ތެރެއިން އެފަދަ ކަންތައްތަކުގެ ޙަޤީޤަތް ހޯދައި އޭގައި ފޮރުވިފައިވާ ކަންކަން ނެރެ ހާމަކުރާނެވެ." އަދި ކީރިތި ރަސޫލާ (ޞ) ދެކޮޅުވެރިވެ މުއުމިނުންގެ މަގުދޫކޮށް އެހެންގޮތްގޮތަށް ތަބާވާމީހުންނަށް ﷲ ވަޢީދުގެބަސް (ނިސާސޫރަތުގެ 115ގައި) ރައްދުކުރައްވާފައިވެއެވެ.
"އަދި އެމީހަކަށް ތެދުމަގު ބަޔާންވުމަށްފަހު ރަސޫލާ(ޞ) އާ ދެކޮޅުވެރިވެ، މުއުމިނުންގެ މަގު ނޫންމަގަށް ތަބާވާ މީހާ އޭނާ އިޚްތިޔާރުކުރިމަގަށް ތިމަންރަސްކަލާނގެ އޭނާ ދޫކޮށްލައްވައި ހުށީމެވެ. އަދީ އޭނާ ނަރަކައަށް ވައްދަވާ ހުށީމެވެ. އެއީ ނުބައިވެގެންވާ ނިމިދިއުމެކެވެ." ނިސާސޫރަތުގެ 115 ގެ މާނަ
2-                އިސްލާމީ އުއްމަތުގެ ހުރިހާ   مجتهد ޢިލްމުވެރިންގެ ފިކުރެއް އެއްގޮތްވެ އެބޭކަލުން އިޖުމާޢުވެއްޖެ ޙުކުމަކީ ޙަޤީޤަތުގައި އުއްމަތުގެ مجتهد ންތެރޭގައި ތަމްސީލްވެގެންއައި މުޅި އުއްމަތުގެ ޙުކުމެވެ. އިސްލާމީ އުއްމަތުގެ އިއްތިފާޤުވުން ކުށުން ބަރިއަ ވެގެންވާކަން ވަރަށް ގިނަ ޙަދީޘުން ޘާބިތު ވެފައިވެއެވެ. (لا تجتمع أمتي على خطأٍ  މާނައ؛ީ ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުން ކުށެއްގެ މައްޗަށް ޖަމައެއްނުވާނެވެ. (لم يكن الله ليجمع أمتى على الضلالة) މާނައީ؛ ތިމަންކަލޭގެފާނު އުއްމަތް މަގުފުރެދުމެއްގެ މައްޗަށް އެއްބައިވެ ޖަމާވިޔަ ނުދެއްވާނެވެ. (ما رآه المسلمون حسناً فهو عند الله حسن ). މާނައީ؛ މުސްލިމުން (މުޖްތަހިދު ޢިލްމުވެރިން) ރަނގަޅުކަމުގައި ދެކެފި ކޮންމެކަމަކާއި އެއްޗަކީ ﷲގެ ޙަޟުރަތުގައިވެއް ރަނގަޅުއެއްޗެކެވެ.
މުސްލިމް ވެށީގެތަފާތުކަމަކީ، އިޖުތިމާޢީ ދިރިއުޅުމުގެ ޙާލަތުގެ ތަފާތުކަމާއި މިނޫންވެސް ހުރިހާ އިސްލާމީ ގައުމުތަކުގެ مجتهد علم ވެރިންގެ ޚިޔާލު ތަފާތުވުމުގެ ސަބަބުތައް ހުރުމާއެކުވެސް ވަކި މައްސަލެއްގައި އެއް ޙުކުމެއްކަށް އެބައިމީހުން އެއްބަސްވުން ދަލީލު ކޮށްދެނީ އެބައިމިހުން އިއްތިފާގުކުރުވި ކަމަކީ ޙައްޤު ކަމެކެވެ.
3-                ޝަރުޢީ ޙުކުމަކަށް އިޖުތިމާޢުވުން ބިނާކުރެވޭނީ ޝައްކެތް ނެތްގޮތުގައި ޝަރުޢީ ދަލީލެއްގެ މައްޗަށެވެ. مجتهدعلم ވެރިން އެބައިމީހުންގެ އިޖްތިހާދުގައި ޝަރުޢީ ސަނަދަކަށް ބުރަވާންޖެއެވެ. ވުމާއެކު ހުރިހާ مجتهدعلم ވެރިން، އެއް މައްސަލައެއްގެ ޙުކުމާމެދު އިއްތިފާޤުވުން ދަލީލުކުރަނީ އެމައްސަލައިގެ ޙުކުމަށްބާރުދޭ ޝަރުޢީ ސަނަދެއް ވުޖޫދުވެގެންވުމަށެވެ. އަދި އެއްވެސް ދެބަސްވުމެއްނެތި  قطعى ގޮތުން އެއިން އެޙުކުމަށް ދަލީލުކުރާކަމެކެވެ. އެހެނީ އެޢިލްމުވެރިން ބާރުލިބިގެން ދަލީލަކީ ظني ދަލީލެއްނަމަ އެޙުކުމާމެދު مجتهدعلم ވެރިން އިއްތިފާޤުވުމަކީ ޢާމުގޮތެއްގައި މުސްތަޙީލްކަމެކެވެ. އެހެނީ ظني ދަލީލަކަށްވަނީ އެނައްސަކުން ދަލީލުނެގުމުގއަި ޚިޔާލުތަފާތުވުމުގެ ފުރުޞަތު އޮންނަ ދަލީލަކަށެވެ. އެހެން ނޫނީ ވާނީ ޤަޠުޢީ ދަލީލަކަށެވެ.


اجماع ވުން އެކަށީގެންވުން
ބައެޢިލްމުވެރިން ދެކެލައްވާގޮތުގައި އިސްވެ ބަޔާން ކުރެވުނުފަދަ اجماع އެއް ޢަޤްދު ކުރުމަކީ ޢާއްމުގޮތެއްގައި އެކަށީގެންވާކަމެއްނޫނެވެ. އެއީ އޭގެ ރުކުންތައް ފުރިހަމަކުރުމަށް ޢުޛުރުވެރުވާތީއެވެ.އެއީ އިޖުތިހާދުކުރުމުގެ ދަރަޖައަށް ގޮސްފައި ތިބި އެކަމަށް ޤާބިލު ޢިލްމުވެރިންނާއި އެދަރަޖައަށް ނުފޯރާ އިލްމުވެރިން ދެނެގަނެވޭނެ ނިޒާމެއް ޤާއިމުވެފައެއްނެތެވެ. މިންގަނޑެއް ނެތެވެ. އަދި މުޖުތަހިދުންނާއި އެނޫންމީހުން ކަނޑައެޅުމަށްޓަކައި ރުޖޫޢަވާނެ ޙުކުމެއްވެސް ނެތެވެ. މުޖުތަހިދު ޢިލްމުވެރިންނާއި އެނޫން ޢިލްމުވެރިން ދެނެގަތުމަށް ޢުޛުރުވެރިވެފައިވުމާއެކު  ހުރިހާ މުޖްތަހިދު ޢިލްމުވެރިންގެ އިޖްމާއުވުންވެސް އެފަދައެވެ.
އަނެއްކަމަކީ، އެކަމެއްހިނގި އިރު އިސްލާމީ ދުނިޔޭގައި ތިބި މުޖުތަހިދު ޢިލްމުވެރިން  އެނގިފައިވިއަސް  مجتهدعلم ވެރިންނަށް އެމައްސަލައެއް ހުށައެޅި އެ ޢިލްމުވެރިންގެ ވިސްްނުމާއި ޚިޔާލުން ޔަޤީނީ ޢިލްމެއް ލިބޭފަދަ ގޮތަކަށް ނުވަތަ އެއާ ގާތްކުރާގޮތަކަށް އެބޭކަލުން ޚިޔާލު ހޯދުމަކީވެސް ޢުޛުރުވެރިވެވޭކަމެކެވެ. އެއީ، އިލްމުވެރިން ތިބީ އެއްރަށެއްގައި ނޫނެވެ. އަދިކީއްތޯ ތަފާތު ކޮންޓިނެއްޓުތަކުގައިވާ ރަށްތަކުގައެވެ. އަދި ވަކީން ޚާއްޞަކޮށް އެބައިމީހުންގެ ވެއްޓާ އެއާގުޅިގެން އުފެދިފައިވާ ބޭނުންތަކާއި އަދިވިސްނުން އެއްގޮތެއްނުވާނެވެ. އަދި ޤައުމިައްޔަތާއި مذاهبއާއި އައިޑިއަލޮޖީ ތަފާތެވެ. ވުމާއެކު އެބައިމީހުން އެންމެން އެއްތަނަކަށް ޖަމާކޮށް ބަޙުޘްކޮށްގެ ޚިޔާލުހޯދުމަކީ ފަަސޭހަކަމަކަށްނުވާނެވެ. އަދި އިތުބާރުހުރި ގޮތެއްގައި އެބައިމިހުންގެ ޚިޔާލު އެއްކުރުމަކީވެސް އުޛުރުވެރިވާނެ ކަމެކެވެ. 
އަނެއްކަމަކީ مجتهدعلم ވެރިންއެނގި އެމީހުންގެ ޚިޔާލު އިތުބާރުހުރި ގޮތުގައި ގެނައުމަކީ ކުޅަދާނަކަމަކަމަށްވެއްޖެ ކަމަށް ބަލަމާ ހިނަގާށެވެ. މިއާ އެކުވެސް ޚިޔާލު ފާޅުކުރެއްވި އެއް މުޖުތަހިދު ޢިލްމުވެރިއަކު އޭނާގެ އެވިސްނުމުގެ މަތީގައި އެހެންހުރިހާ މުޖުތަހިދުންގެ ޚިޔާލު ހޯދޭނެހާ ދުވަހެއްވައްދެން ހުރުމުގެ ގެރެންޓީ ކުރެވޭނެ ގޮތަކީ ކޮބައިހެއްޔެވެ. ނުވަތަ އެޚިޔާލހޯދި مجتهدعلم ވެރިއާއަށް ހުށައެޅުނުޝުބްހަ އެއްގެ ސަބަބުން ކުރީގެ ޚޔާލުން އެބުރި ރުޖޫޢަވުން މަނާކުރާނެ ކަމަކީ ކޮބައިހެއްޔެވެ؟ އިޖުމާޢެއްގެ ޝަރުޠަކީ އެއްވަގުތެއްގައި ހުރިހާ مجتهدعلم ވެރިންގެ އެކަމެއްގެ ޙުކުމް އިއްތިފާގުވުމެވެ.
އިސްވެދިޔަ ބައިގެ އިތުރުން ހުރިހާ مجتهدعلم ވެރިން މައްސަލއެއްގެ ޙުކުމަށް އިޖުމާޢުވުން އެކަށީގެންނުވާ ކަމެއްކަމަށް ތާއިދުލިބޭ އަނެއްކަމަކީ އިޖުމާޢުވުމަށް ޢިލްމުވެރިން ބައްދަލުވެއްޖެނަމަ މައްސަލައެއްގެ ޙުކުމަށް އިޖުމާޢުވާނީ ޝަރުޢީ ދަލީލެއްގެ އަލީގައެވެ. އެހެނީ މުޖުތަޙިދު އިލްމުވެރިޔާ އޭނާގެ އިޖްތިހާދުގައި ޚިޔާލު ބިނާކުރަނީ ޝަރުޢީ ދަލީލުގެ މައްޗަށެވެ. ހުރިހާ މުޖްތަހިދު ޢިލްމުވެރިންގެ އިޖްތިހާދު ބިނާކުރާ ދަލީލަކީ قطعى ދަލިލަކަށްވާނަމަ، ޢާއްމުގޮތެއްގައި އެފަދަ ދަލީލެއް ފޮރުވިފައެއްނުވާނެއެވެ. އެހެނީ ޝަރުޢުގެ قطعى ދަލީލަކީ މުސްލިމުންނަށްފޮރުވިފައިވާ އެދެނެގަތުމަށް مجتهدعلم ވެރިންގެ ގާތަށް ދާންޖެހޭނެ އެއްޗަކަށް ނުވެއެވެ. އަދި އެއީ ظني ދަލީލެއްނަމަ މިފަދަ ދަލީލުން އިޖުމާޢުވުމަކީ މުސްތަޙީލު ކަމެކެވެ.
ނަމަވެސް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ ދެންނެވިފައިވާ ރުކުންތައް ފުރިހަމަކޮށްގެން މުސްލިމު މުޖުތަޙިދުން އިޖުމާއުއެއް ބޭއްވިދާނެކަމަށެވެ. އެކަން ނުވާނޭކަމަށްބުނެ ދެކެފައިވާ ވާހަކަތަކަކީ ގަބޫލުކުރެވޭ ވާހަކަތަކެއްނޫނެވެ. އަދި އެކަމަށް ޝައްކުކުރުމަކީ ޙަގީގަތުގައި ހިނގާފައިވާ ކަަމަކަށް އިންކާރުކުރުމެވެ. އެކަން ހިގާފައިވާކަމުގެ ދަލީލަކީ އަބޫބަކުރުގެ ފާނުގެ ޚިލާފަތަށްވި އިޖްމާޢުއެވެ. އަދި އަބޫބަކުރުގެ ޚިލާފަތުގައި އޫރުގެ ސަރުބީ ޙަރާމްކުރުމާއި، މާމައަށް 6/1 ވާރުތަވުމާއި، މައްޔިތާގެ ދަރިއަކު ދުނިޔޭގައި ހުރުމުގެ ސަބަބުން އޭނާގެދަރިންގެ ދަރިން ވާރުތަމުދަލުން މަޙްރޫމްވުން ފަދަ ކަންކަމަށް އިޖުމާޢުވެފައިވުމެވެ.

ރާޖިޙުގޮތް   
عبد الوهاب خلاف ވިދާޅުވާގޮތުގައިި އިޖްމާޢުގެ ރުކުންތަކާއި ޝަރުޠުތައް ފުރިހަމަކޮށްގެން އިޖުމާޢުއެއްވުމީ،  އެކަންކުރުން އިސްލާމީއުއްމަތުގެ ވަކިވަކި ފަރުދުންނާ ޙަވާލުކޮށްފި ކަމުގައިވާނަމަ ޢާމުގޮތެއްގައި ވުން އެކަށީގެންވާ ކަމެއްނޫނެވެ.  
މިއާ ޚިލާފަށް އިޖުމާޢުވުމަށް މުޖުތަހިދުން ހޮވުމާއި، އެކަންކުރާނެ އިންތިޒާމުރާވައި ހިންގުމާއި، މުޖްތަޙިދު ޢިލްމުވެރިން އެއްތަންކުރުވައި ޚިޔާލުތައްޖަމާކުރެވޭނެ ނިޒާމެއް ޤާއިމް ކުރުމާއި މިކަންކަން ކުރުމަކީ އިސްލާމީ ސަރުކާރަކުން ކުރާ ކަމެއްކަމުގައި ވެއްޖެނަމަ مجتهدعلم ވެރިންގެ އިޖްމާޢުން ކަމެއްނިންމުމަކީ ޙަޤީޤަތަކަށް ވާނެއެވެ. އެއީ ކޮންމެ ދައުލަތަކުން އެދައުލަތުގައި ތިއްބެވި އިސްލާމީ ޢިލްމުވެރިންގެ ތެރެއިން އިޖުތިހާދުގެ ދަރަޖައަށްފޯރާ ޢިލްމުވެރިންނަކީ ކޮބައިތޯ ބެލިދާނެއެވެ. އަދި އެދަރަޖައަށް ދާޢިލްމުވެރިންގެ ކިބައިން ފުރިހަމަވާންޖެހޭ ސިފަތާކައި ޝަރުޠުތައް ކަނޑައޅައި އިޖުތިހާދު ކުރުމުގެ ރަސްމީ ހުއްދަދީ މިފަދަގޮތަކަށް ބެލެހެއްޓިގެން ދެވިދާނެއެވެ.
ވުމާއެކު އިސްލާމީ ސަރުކާރަކުން مجتهدعلم ވެރިން އެއްކޮށް، ދިމާވިމައްސަލަ އެބައިމިހުންނަށް ހުށަހަޅަައި ، ޝަރުޢި ދަލީލުތަކާއި އުޞޫލުތަކުގެ އަލީގައި އެބައިމީހުން ބަހުސްކޮށް ޚިޔާލުބަދަލުކުރުމަށްފަހު އެކަމުގެ ވަކި ޙުކުމަކަށް އިއްތިފާޤުވެއްޖެނަމަ އެއީ ޝަރުޢީ އިޖުމާޢެކެވެ. އެއަށް ތަބާވުން ވާޖިބުވާނެއެވެ.
އިސްވެދިޔަ މާނާގައި مجتهد ދަންނަބޭކަލުންގެ އިޖުމާޢެއް، ރަސޫލާ (ޞ) ސުވަރުގެ ވަޑައިގަތުމަށްފަހު އައިސްފައެއްނުވެއެވެ. މިރޮނގުން ދަންނަބޭކަލުންގެ އިޖްމާޢުގެ މިސާލުގެގޮތުގައި ދެއްކިފައިވާ ޞަޙާބީން ޙުކުމް ކޮށްފައިވާ މައްސަލަތަކަކީ އެކަމެއް އުފެދޭ ވަގުތުގައި އެކަމާމެދު  މަޝްވަރާކުރެއްވުމަށް ޙާޟިރުވި مجتهدعلم ވެރިންގެ އެއްބަސްވެފައިވާ ޙުކުމެކެވެ. މިގޮތުން އެއީ شورىގެ ޖަމާޢަތަކުން ނިންމި ނިންމުމެކެވެ. ކަނޑައެޅިޙުކުމެކެވެ. ހުރިހާ مجتهد ދަންނަބޭކަލުންގެ ނިންމުމެއް ނޫނެވެ.
ޝައްކެތްނެތްގޮތުގައި މުސްލިމުންގެ ޖަމާޢަތެއްގެ މީސްތަކުންގެ ޚިޔާލު އެންމެމީހެއްގެ ޚިޔާލައްވުރެ، ޙައްގުގޮތާއި އެއްގޮތްވާނެއެވެ. އަބޫބަކުރު އަދި ޢުމަރުވެސް ޤުރުއާނާއި ސުންނަތުގައި ނެތްކަމެއް ކުރިމަތިވެއްޖެނަމަ (ރަށުގައި ތިއްބެވި) އެންމެހާ  ޢިލްމުވެރިން އެއްކުރައްވާ މަޝްވަރާކޮށް ޝަރުޢީދަލީލުގެ އަލީގައި ގޮތް ކަނޑައަޅުއްވައެވެ. ނަމަވެސް އެބޭކަލުން ފައިސަލާކޮށް ޙުކުމް އިއްވުން، مجتهد ހުރި علمވެރިންގެ ޚިޔާލު ލިބެންދެން މަޑުކުރެއްވިކަމެއް ވާރިދުވެގެންނުވެއެވެ. މިހެންކަމުން مجتهد ޢިލްމުވެރިންގެ ޖަމާޢަތަކުން ނިންމާ ނިންމުމަށް ފިޤްހުވެރިން އިޖުމާޢުއޭ ވިދާޅުވެއެވެ. ޙަޤީޤަތުގައި އެއީ ޝޫރާގެ އިޖްމާޢަކުން ކަނޑައެޅި ޝަރުޢީ ޙުކުމެކެވެ.

اجماع ގެ ބާވަތްތައް
އިޖްމާޢު ވެވޭގޮތަށް ބަލާއިރު މިކަމުގައި ދެބާވަތެއްވެއެވެ. ދެގޮތަކަށް އިޖުމާޢުވެއެވެ.
1-      އަލްއިޖުމާޢުއް ޞަރީޙް:
މިއީ ބަހުން ނުވަތަ ޢަމަލުން ކޮންމެ مجتهدعلم ވެރިއަކު ސަރީޙަކޮށް އެފަރާތެއްގެ ވިސްނުން ބަޔާންކޮށް ހުރިހާ مجتهدعلم ޢިލްމުވެރިން ބަޙުސްކޮށް ޚިޔާލުބަދަލުކުރި ކަމުގެ އެއްޙުކުމަކަށް އެބައިމީހުން އިއްތިފާގުވެފައިވާ އިޖުމާޢެވެ. ޙަޤީގީ އިޖުމާޢުއަކީ މިއެވެ. ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި މިފަދަ އިޖުމާޢުއަކީ ޝަރުޢީ ޙުއްޖަތެކެވެ.

2-      އަލްއިޖްމާޢުއް ސުކޫތީ:
ކަމެއްހިނގި ޒަމާނުގެ مجتهدعلم ވެރިންގެ ތެރެއިން ބައެއް ޢިލްމުވެރިން އެކަމާގުޅޭގޮތުން ބަހާއި ޢަމަލުން (ފަތުވާއެއް ދިނުން، ޙުކުމެއްކުރުން) ޚިޔާލު ފާޅުކޮށްފައިވާ، ނަމަވެސް އަނެއް ބައެއް ޢިލްމުވެރިން އެކަމާ އެއްބަސްވެފައި ނުވަތަ އެ ޙުކުމާ ދެބަސްވެ ޚިލާފު ވެފައިވެސް އެބޭކަލުންގެ ޚިޔާލު ފާޅުކޮށް ފައި ނުވާ ޙުކުމެކެވެ. މިބާވަތުގެ އިޖްމާއަށް އިޖްމާޢުއް ސުކޫތީއޭ ކިޔަނީ ބައެއް ބޭކަލުން ވަކިބަހެއްބުނެފައިނުވާތީއެވެ. ނުވަތަ އެޙުކުމާއެއްގޮތަށް އެ ބޭކަލުންގެ އަމަލެއް ހިނގައިފައިވާކަން ސާބިތުނުވާތީއެވެ. ވުމާއެކު ބައެއް މުޖްތަހިދު އިލްމުވެރިން ހަނުހުރުމުގެ ސަބަބުން އިޖްމާޢުއް ސުކޫތީގެ ނަމުން ނަން ދެވިފައިވެއެވެ.
މިފަދަ ޢިޖްމާއުގެ ޙުކުމް ދަންނައެވެ. މިފަދަ އިޖްމާޢު އަކީ ޙަޤީޤީ އިޖްމާއެއްނޫނެވ. އެހެނީ، ވަކި ގޮތެއް ބަޔާން ނުކޮށް ހަނުތިބި މީހުން އިއްތިފާޤުވެފައިވާނެ ކަމީ ކަށަވަރު ކުރެވޭ ކަމަކަަށް ނުވެއެވެ. މިހެންވެ އިޖްމާޢުއް ސުކޫތީ އަކީ ޝަރުޢީ ޙުއްޖަތެއް ކަމާމެދު އިލްމުވެރިން ދެބަސްވެފައިވެއެވެ. ގިނަ ޢިލްމުވެރިން ދެކޭގޮތުގައި އިޖްމާޢުއް ސުކޫތީއަކީ ޝަރުޢީ ޙުއްޖަތެއް ނޫނެވެ. ހަމައެކަނީ އެއީ އެމައްސަލައިގައި ބައެއް ޢިލްމުވެރިން ދެކޭގޮތެވެ. އެބައިމީހުންގެ އިޖްތިހާދެކެވެ.
ޙަނަފީ މަޛްހަބުގެ ޢިލްމުވެރިންނާއި ޚިލާފަށް މިކަމުގައި އޮތް އެންމެ ރަނގަޅުގޮތަކީ މިއީކަމުގައި މިފިލާވަޅު އެކުލަވާލުމުގެ މަރުޖަޢަކަށް އަހަރެންބެލި "ޢިލްމު އުޞޫލިލްފިޤްހު" ގެ މުޞައްނިފް އަލްއުސްތާޛް ޢަބްދުލްވައްހާބު އަލްޚައްލާފު ބަޔާންކުރެއެވެ. އެހެނީ، ވަކިގޮތެއް ޞަރީޙަނުކޮށް ހަނުހުންނަ މީހާ ހަނުހުރުމުގެ ވަރަށްގިނަ ޙާލަތްތަކެއް ޡުރޫފުތަކެއް ވާނެއެވެ. އޮޅުންތަކަކާއި ޝައްކުތަކެއްވާނެއެވެ. އޭގެތެރޭގައި ނަފްސާނީ އެނޫންކަންތައްތައް ހިމެނިގެން ދެއެވެ. ވުމާއެކު އެޙާލަތްތައް އެކުގައި ދެނެގަނެ މިނާލުމަކީ ކުޅަދާނަކަމެއްނޫނެވެ. ވުމާއެކު އޭނާ ހަނުހުރީ ރުހިގެން ކަމުގައި ކަނޑައެޅޭނެ އެއްވެސް ގޮތެއްނޯންނާނެވެ.

No comments:

Post a Comment